ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތަކަށް އިސްކަންދެއްވައިގެން، އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގަވައި ޚިދުމަތްތަކުގެ ފެންވަރު މަތިކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މ. އަތޮޅު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ދިއްގަރު ކައުންސިލަރުންނާއި މުވައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ދިއްގަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދިއްގަރު ކައުންސިލަރުންނާއި މުވައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރެއްވުން އޮތީ ދިއްގަރު ސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދިއްގަރު ކައުންސިލަރުންވަނީ އެ ރަށަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމާއި، ޚިދުމަތްތަކާ އަދި، އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން، ދިއްގަރަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބިމުގެ ދަތިކަމާއި އުދައެރުމާއި ރަށް ގިރުމުގެ މައްސަލަކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިއްގަރުގައި ހިންގުމަށް މި އަހަރަށް ރާވައި ބަޖެޓުކޮށްފައިވާ މަޝްރޫޢުތައް ކަމަށްވާ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރުގެ ފެންވަރު މަތިކުރުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ފަދަ މަޝްރޫޢު ތަކާއި ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ކައުންސިލަރުންވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި، ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް، ކައުންސިލަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިތުރަށް މަޝްވަރާ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ދިއްގަރު ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމާއި، ތަޢުލީމީ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ހުރި ދަތިތަކާއި، އެންމެ ފުރިހަމަ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ، 31 ވަނަ ޅެންވެރީންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ދިއްގަރު ކައުންސިލަރުންނާއި ރައްޔިތުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ، ދިއްގަރަކީ ނަމޫނާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެއްކަމަށް ވިދާޅުވެފައެވެ.
ދިއްގަރުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތައް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުންނާއި މުވައްސަސާތަކުގެ އިސްވެރީން ފާހަގަކުރައްވާފައިވާ ކަންތައްތައް ހައްލުކުރެއްވުމަށް ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، އިޖްތިމާޢީ ގޮތުން ޤައުމަށް ކުރިމަތިވެފައިވާ ކަންތައްތައް ހައްލުކުރުމުގައި ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރުމަށް ނާއިބު ރައީސް އިލްތިމާސްކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިއްގަރު ކައުންސިލަރުންގެ އިތުރުން ދިއްގަރު ސްކޫލާއި، ޞިއްޙީ މަރުކަޒާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.