ލުބުނާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކާއި ގުޅިގެން ތަކެތީގެ އަގު އުފުލި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އެޤައުމުގެ ރައްޔިތުންނަށް ބޮޑު ތަކުލީފުތަކެއް އުފުލަންޖެހިއްޖެއެވެ. އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމަށް ލުބުނާނުގެ މަރުކަޒީ ބޭންކުންވަނީ ބާޒާރަށް އިތުރު ފައިސާ ނެރެފައެވެ. ނަތީޖާއަކަށްވީ ލުބްނާނުގެ ފައިސާކަމަށްވާ ލީރާގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދިއުމެވެ.
ލުބުނާނުން އެޤައުމުގެ މާލީ ނިޒާމު މައިގަނޑު ގޮތެއްގައި ހިފަހައްޓަނީ ބޭރު ޤައުމުތަކުގައި މަސައްކަތްކުރާ އެޤައުމުގެ ރައްޔިތުން ފޮނުވާ ޑޮލަރުންނާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީންނެވެ. މީގެ އިތުރުން ލުބުނާނުގެ ބަޖެޓު ދެކޮޅު ޖެއްސުމަށް ބަޖެޓު ސަޕޯޓްގެ ގޮތުގައި ސަޢުދީ ޢަރަބިއްޔާފަދަ ގަލްފުގެ މުއްސަނދި ބައެއް ޤައުމުތަކުން ފޯރުކޮށްދޭ މާލީ އެހީތެރިކަން އެޤައުމުގެ މާލީ ނިޒާމު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ނަމަވެސް ފާއިތުވި އޮކްޓޫބަރު މަހުން ފެށިގެން ލުބުނާނުގެ ސިޔާސީ މަޝްރަޙު ގަޑުބަޑުވެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަން ފެށި ސިލްސިލާ މުޒާހަރާތަކުގެ ސަބަބުން އެޤައުމުގެ މާލީ ނިޒާމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މުޒާހަރާތަކުގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއްކޮށް އެސިނާޢަތުން ލިބޭ އާމްދަނީވަނީ ދަށަށްގޮސްފައެވެ. މުޒާހަރާތަކަށް ނިމުންއައިސް ސިޔާސީ މަޝްރަޙަށް އަމާންކަމެއް އަންނާނެ ދުވަހެއްވަނީ ނޭންގުމެއްގެ ތެރޭގައިއެވެ.
ލުބުނާނުގައި އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން އެޤައުމުގައި ތަކެތީގެ އަގު ފާއިތުވި ހަތަރުވަރަކަށް މަސްދުވަހުގެ ތެރޭގައިވަނީ ގާތްގަނޑަކަށް ތިރީސް އިންސައްތަ މައްޗަށް ގޮސްފައެވެ. ލުބުނާނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަކީވެސް ދިރިއުޅުމުގެ އަގު ބޮޑުވެ އަތްމަތިދަތިވުމުގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ކުރާ މުޒާހަރާތަކެކެވެ. ނަމަވެސް މުޒާހަރާތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ޙާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. މިފަދަ ޙާލަތެއްގައި ލުބްނާނުގެ އިޤްތިޞާދު ރޫޅޭ ހިސާބަށް ދިއުމުގެ ބިރު އޮތްކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ލުބްނާނުގެ ރައްޔިތުންގެ ކުރިމަތީގައި އެޤައުމުގެ ބޭންކިން ނިޒާމާއި މާލީ ނިޒާމުގެ އިތުބާރުވަނީ ގެއްލިފައެވެ. މުޒާހަރާކުރާ ފަރާތްތަކުންވަނީ އެޤައުމުގެ ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި މުޒާހާރަތައް މައިގަނޑު ގޮތެއްގައި މިހާރު ކުރަނީވެސް ބޭންކްތަކުގެ ކުރިމަތީގައެވެ. ސިޔާސީ ފަރާތްތަކުން ކޮރަޕްޝަނުގެ ގޮތުގައި ހޯދާ ޚިޔާނާތުގެ ފައިދާ ޤައުމުން ބޭރުކުރުމަށް ނުވަތަ އެފައިސާ ދޮވުމަށް ބޭނުންކުރަނީ އެޤައުމުގެ ބޭންކުތައްކަމަށް ލުބުނާނުގެ ޢާންމުން ދެކެއެވެ. އެހެންކަމުން މިދަނޑިވަޅުގައި ލުބުނާނުގެ ޢާންމުންދަނީ ބޭންކުތަކުގައި ހުރި އެމީހުންގެ ބޭރު ފައިސާތައް ނަގަމުންނެވެ. އެކަމުގެ ސަބަބުން ލުބްނާނުގައި ބޭރު ފައިސާގެ ރިޒާވް ދަށްވެ ލުބުނާނުގެ ފައިސާކަމަށްވާ ލީރާގެ އަގު ދަށަށްދިއުމަށް މަގުފަހިވާކަމަށް ސަރުކާރުން ބުނެއެވެ.
ލުބުނާނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އައު ސަރުކާރެއް އެކުލަވާލާފައިވީނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން އެސަރުކާރަކަށް އިތުބާރެއް ނުކުރެއެވެ. އަދި ސިޔާސީ ވާދަވެރިކަމަށް ޙައްލެއް ނާންނާތީ އާ ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނައެވެ. އެގޮންޖެހުންތަކާއެކު އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމަށް އައު ސަރުކާރަށް މާބޮޑުކަމެއް ކުރެވޭނެކަމުގެ އުންމީދެއް ނެތެވެ.