ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި 7 ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ޗައިނާގެ އެކި ސިޓީތަކުގައި ތިބި ދިވެހިންނާއި ދިވެހި ކިޔަވާކުދިންގެ މައުލޫމާތު ހޯދައި، އެކުދިންނާއި ގުޅެން ހުރި އެކި ވަސީލަތްތައް މެދުވެރިކޮށް ކުދިންގެ ހާލު ބެލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ވޫހާންގައި ތިބި ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޙަލީލު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒަންގ އާއި މިއަދު މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާއިބެހޭ ފަރާތްތަކާއެކު ވެސް މަޝްވަރާކުރަމުންދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ވޫހާން ސިޓީގައި ތިބި ބޭރުގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު އިންވަނީ ދެއްވާފައެވެ.
ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ އެކި ހިސާބުތަކަށް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތުގައި އެކަން ކުރުމަށް ފަސޭހަ ވާނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން އެ ފަރާތްތަކާ ގުޅޭނެ މަޢުލޫމާތު ފޮރިން މިނިސްޓްރީއާއި ބެއިޖިންގގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ކޮންސިއުލަރ އިމަރޖެންސީ ނަމްބަރު: 7983400