ކުޑަކުދިންނާއި މެދު ހިންގޭ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކުން އުފެދޭ އުދަބާނިތައް ބިޔަވެ ފެތުރި ފުޅާވަމުން ނުދަނީސް، އެކަންކަން ހުއްޓުވުމަށް ކޮންމެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުގެ ވަގުތު ޖެހިއްޖެކަމުގައި މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުމުގެ ނުބައިކަން މިމައުލޫއަށް މުޅިރާއްޖޭގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައި ވަނީ، ކުޑަކުދިންނާއި މެދު ހިންގޭ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ފަރުދީގޮތުން ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓުކުރުން މިދުވަސްވަރު އިތުރުވެފައި ވާއިރު، ހުކުރު ޚުތުބާވެސް ޚާއްސަކޮށްފައި ވަނީ އެކަމަށެވެ.
ހުކުރު ހުތުބާގައި ބުނެފައި ވަނީ، ޤައުމެއް ފަސާދަވެގެން ދަނީ، އެ ޤައުމެއްގައި ދިރިއުޅޭ މީހުންގެ ސުލޫކާއި، އުޅުންތަކާއި ގުޅުންތައް ގޯސްވެ، ފަރުދުން ހިންގާ ޖަރީމާތަކުގެ ސަބަބުން ކަމަށެވެ. އަދި ރައްކާތެރިކަމާއި އިތުބާރުކުރެވޭ މަޤާމުތަކުގައި ތިބޭ މީހުންގެ ފުށުން ފާޅުވާ ލާ އިންސާނީ ޢަމަލުތަކުގެ ސަބަބުން ކަމަށެވެ.
"ލޮބުވެތި މުސްލިމް އަޚުންނޭވެ! ކުޑަކުދީން ބެލެހެއްޓުމާ ޙަވާލުވެގެންތިބޭ އަދި، އެކުދީންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ދިނުމަށް އިސްލާމްދީން އެބަޔަކާއި، މަތިކޮށްފައިވާ މީހުންނަށް ދީފައިވާ ނަމަކީ މަޙްރަމުންނެވެ. މަޙްރަމުންގެ މާނައަކީ، ރަޙިމުގެ ގުޅުން އޮންނަ އެބަޔަކާ ކާވެނިވުން ޙަރާމު މީހުންނެވެ. އަދި ޙުރްމަތްތެރިކަމާއި ރައްކައުތެރިކަން ދޭންޖެހޭނެ މީހުންނެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
ކުޑަކުދީންނަށް ޖިންސީގޯނާތައް ކުރުމާއި، ޖިސްމާނީ އަނިޔާތައް ދިނުމަށް ޖެހިލުންނުވާ އިންސާނުން މި ދިވެހި މުޖްތަމަޢުގައިވެސް އުޅޭކަމީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ކާރިޘާއެއް ކަމުގައިވެސް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.
އަދި މަހުރަމުންގެ ފަރާތުން ކުޑަކުދީންނަށް ޖިންސީ ގޯނާ އާއި ލާއިންސާނީ އަނިޔާތައް ލިބުމަކީ އެކަމުގެ ސަބަބުން ބޮޑުވެގެންވާ މުސީބާތެއް ފާޅުވެގެން އަތުވެދާނެ ކަމެއްކަމުގައިވެސް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.
"މުސްލިމު އަޚުންނޭވެ! މަޢުސޫމް ކުޑަކުދީންނާ އެންމެ ގާތްކޮށް އުޅޭ މީހުންގެ ފުށުން އެ ކުދީންނަށް ކުރިމަތިވާ ލާއިންސާނީ ޢަމަލުތައް ތަކުރާރުވަމުން ދިޔުމަކީ، މުޅި އިންސާނިއްޔަތުވެސް ލަދުވެތިވާވަރުގެ ޖަރީމާއެކެވެ. ބޮޑުވެގެންވާ މުޞީބާތެކެވެ. އެއްވެސް އާރެއް ބާރެއް އަދި އަމިއްލަ ނަފުސު ދިފާޢުކުރާނެ ފަންނެއް ހުނަރެއް ނެތް ކުޑަކުދީންނާ ދިމާކޮށްލާ، ރަޙުމުކުޑަ މީހުންކަމުގައި، އެ ކުދީންގެ ބެލެނިވެރީންނާއި، ގާތް މީހުން ވެގެން ދިޔުމަކީ، ބޮޑުވެގެންވާ މުޞީބާތެއް ފާވެގެން ހިނގައިދާނެ ކަމުގެ އިންޛާރެކެވެ." ހުކުރު ޚުތުބާގައި ބުނެފައި ވެއެވެ.
ހުކުރު ހުތުބާގައި ބުނެފައި ވަނީ، ކުޑަކުދިންނާއި މެދު މިފަދަ ކަންކަން ހިންގުމުގެ ކަންކަން އެހެން ކުށްތަކާއި ގުޅިގައިވާ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަންޖެހޭ ކަމަށާއި، އަދި އިންޓަރނެޓްގެ ބޭނުންވެސް ނަހަމަގޮތުގައި ހިފުން ހުއްޓުވަން ޖެހޭ ކަމަށެވެ.
އަދި މުޖުތަމައުގައި ހުރި މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފަރުދީ ޒިންމާ އާއި މަސްއޫލިއްޔަތު އުފުލުމަށް ދިވެހިކޮންމެ ރައްޔިތަކަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލާފައިވެއެވެ.