ށ. ފުނަދޫ ގައި ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް މިއަދު ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.
ފުނަދޫ ޑޮމެސްޓިކް އެއަރޕޯޓުގައި ދަތުރުކުރި ފުރަތަމަ ޓެސްޓް ފުލައިޓް ޖައްސާފައި ވަނީމިއަދު ހެނދުނު 7:45 ހާއިރުގައެވެ.
ޓެސްޓް ފުލައިޓްގައި ފުރަތަމަ ފުނަދޫ އެއާޕޯޓަށް ވަޑައިގެންނެވީ، ޓެކްނިކަލް ޓީމުގައި ހިމެނޭ ބޭފުޅުންނެވެ.
ޓެސްޓް ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ށ ފުނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ފުނަދޫ އެއާޕޯޓަށް ގޮސްފައިވެއެވެ.
އެމްޓީސީސީން ތަރައްޤީކޮށްފައިވާ މިއެއަރޕޯޓުގައި މިއަދު ޓެސްޓް ފްލައިޓް ޖެއްސި އިރު ރަސްމީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
މިގޮތުން ޝެޑިއުލްދަތުރުތައް ފަށާއިރު، ފުރަތަމަ ކުރާނީ ހަފްތާއަކު 3 ދަތުރު ނަމަވެސް، މާރިޗުމަސް ނިމެންވާއިރަށް، ދުވާލަކު ޝެޑިއުލް ތިން ދަތުރު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
ފުނަދޫ އެއަރޕޯޓުގެ ޓާމިނަލް ބިލްޑިންގެ މަސައްކަތް ނިންމާފައިވާއިރު މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިން އާއި ފަޔާ ޕޮންޑުގެ މަސައްކަތެވެ.
ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން އެރަށުގައި އަޅާފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެއެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ.
ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 89 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ފުނަދޫ އެއަރޕޯޓްގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ފުނަދޫ އެއަރޕޯޓްގައި ތާރުއަޅަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ވަނީ ހުޅުވައި ޝެޑިއުލް ދަތުރުތައް ފަށާފައެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ތެރޭ 4 އެއަރޕޯޓެއް ހުޅުވުމަށެވެ.