ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށައަޅާފައިވާ ހުރިހާ މައްސަލައެއް އަންނަ މާރިޗު މަހުގެ ނިޔަލަށް ނިންމަން ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން މިގޮތަށް ކަނޑައަޅާފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ކޯޓްތަކަށް މައްސަލައެއް ހުށައަޅާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ( ޑީޖޭއޭ) އިން މިއަދު އަންގާފައިވަނިކޮށެވެ.
ހައިކޯޓުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ދަށުކޯޓްތަކުން ނިންމާފައިވާ 40 މައްސަލައެއް އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމަށެވެ. މީގެތެރެއިން 27 މައްސަލަ އަކީ ކުށް ސާބިތުނުވާކަމަށް ދަށު ކޯޓްތަކުން ކަނޑައެޅުމުން މިނިވަންވެފައި ތިބުމުން ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަތަކެކެވެ. ބާކީ ހުރި މައްސަލަތަކުގެ ތެރެއިން 8 މައްސަލައަކީ ހައިކޯޓުގެ ދެކުނު ގޮފީގައި އޮތް މައްސަލަތައްކަމަށް ހައިކޯޓުން ވިދާޅުވެއެވެ.
ކުޑަކުދިންނަށް ގޯނާކޮށްގެން ހުށައެޅިފައިވާ މައްސަލަތައް އަވަސްކުރުމަށް ނިންމާ އެކަން ކޯޓްތަކަށް އަންގާފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް އެ ކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމުންނެވެ. އެއާއެކު ޖިންސީ ގޯނާކުރުމުގެ އެތައް މައްސަލަތަކެއް މިދިޔަ ހަފްތާއެއްގެ ތެރޭގައި މިވަނީ ފެންމަތިވެފައެވެ.
ކުޑަކުދިންނަށް ގޯނާކުރާ މައްސަލަތައް ގިނަ އަދަދަކަށް ފެންމަތިވުމުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީން) ވަނީ ހުރިހާ ކޯޓްތަކާއި މަޝްވަރާކޮށްފައެވެ.