އިންޓަވަލް ގަޑީގައި ސްކޫލް ދަރިވަރުންނަށް ދިނުމަށް ބައެއް ބެލެނިވެރިން ފިހާރަތަކުން އާއްމުކޮށް ގަންނަ ތަކެތި ތައްޔާރުކޮށްފައިވަނީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުންދާކަން ފާހަގަކުރެވުނީ އެ އިދާރާއިން ހިންގި ރޫޓިން އިންސްޕެކްޝަންގެ ތެރެއިންކަމަށެވެ. އެއިދާރާއިން މި އިންސްޕެކްޝަންގައި ބެލި ބައެއް ތަންތަނުން ތައްޔާރުކުރާ ކާބޯތަކެތީގެ ތެރޭގައި އިންޓަވަލް ގަޑީގައި ސްކޫލް ކުދިންނަށް ދިނުމަށް ބައެއް ބެލެނިވެރިން އާއްމުކޮށް ފިހާރަތަކުން ގަނެ އުޅޭ ބާވަތްތައްވެސް ހިމެނޭކަމަށެވެ.
އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަންތައް ފެންނަ ވީޑިއޯއެއް އެ އިދާރާއިންވަނީ އާއްމުކޮށްފައެވެ. މިވީޑިއޯއިން ފެންނަނީ ކާބޯތަކެތި ހެދުމުގައި ބިދޭސީން މަސައްކަތް ކުރަމުންދާ ތަންތަނެވެ. އެގޮތުން ތަނުގައި ސާފުތާހިރުކަމެއް ނެތް އިރު ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނުތައް ބިންމަތީގައާއި އެކި ދިމާތަކުގައި ބަހައްޓާފައި ހުންނަތަން ފެނެއެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުގައި މަސައްކަތް ކުރަމުންދާ ބިދޭސީން އަންގި ނުވަތަ އެހެންވެސް ރައްކާތެރިކަމުގެ އެއްވެސް އާލާތެއް ބޭނުންކުރުމެއް ނެތި ކާބޯތަކެތި ތައްޔާރުކުރުމުގައި މަސައްކަތް ކުރަމުންދާތަން ފެނެއެވެ.
ސްކޫލް ކުދިންގެ އިންޓަވަލްގެ ގޮތުގައި ދިނުމަށް ބޭނުންކުރާ ބާވަތްތައް އާއްމުކޮށް މިހާރު ހުރިހާ ފިހާރައެއްގައިވެސް ވިއްކަމުން އާދެއެވެ. އަދި ގިނަ އަދަދެއްގެ ބެލެނިވެރިން މި ތަކެތި ކުދިންނަށް ދެމުންވެސް އާދެއެވެ.
ފަހަކަށް އައިސް އިމިގްރޭޝަނުން ހިންގާ މި ފަދަ އޮޕަރޭޝަންތަކުގައި ބިދޭސީން އުޅެމުން އަންނަ ތަންތަން ބަލާ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް އަންނަނީ ގެންނަމުންނެވެ. މި ގޮތުން އިންސާނުން ދިރިއުޅެން ހެޔޮނުވާވަރުގެ ތަންތަނުގައި ބިދޭސީން ބައި ތިއްބައިގެން ވިޔަފާރިކުރަމުން ދިޔަ ބަޔަކުވެސް ވަނީ އަތުލައިގެންފައެވެ.