ސިޔާސީ

އެމްޑީޕީގެ އޮފީހެއް ކ.ގުރައިދޫގައި ހުޅުވައިފި


ވެރިކަން ކުރާ މައި ޕާޓީގެ އެމްޑީޕީގެ އޮފީހެއް ކ.ގުރައިދޫގައި ހުޅުވައިފި އެވެ.

ގުރައިދޫގައި ރޭ ބޭއްވި ހަފްލާއެއްގައި މި އޮފީސް ހުޅުވާދެއްވީ އެމްޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި ހަރަކާތުގައި އެމްޑީޕީގ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޕާލަމެންޓްމެންޓްރީ ގުރޫޕްގެ މެމްބަރުންނާއި އެރަށުގައި ތިބި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.

މި އޮފީސް ހުޅުވާދެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ވަނީ ގުރައިދޫގެ ރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމަށް ނިންމާފައިވާ ކެންޑިޑޭޓުނާއި މި އޮފީހުގައި ބައްދަލު ކުރައްވާފައި އެވެ.

އެމްޑީޕީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިޔާތައް ރައީސް ސޯލިހް ގުރައިދޫއަށް ރޭ ވަޑައިގެންނެވުމުން އެރަށުގެ ބަނދަރު ސަރައްދުން ގިނަ ބަޔަކު އެމަނިކުފާނަށް ހޫނު މަރުހަބާ ދަންނަވާފައިވެ އެވެ.

އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ރައީސް ސޯލިހް ވަނީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒު ކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިހާބު ކޮށްދެއްވުމަށް އެދިވަޑައިގެންފައި އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީން ވެރިކަމަށް އައުމުގެ މަގުސަދަކީ އޯގާތެރި ދައުލަތެއް ބިނާކުރުން ކަމަށާއި މިހާރު ރާއްޖޭގައި ހިނގާ ކުށްތަކަށް ވަރިހަމަކޮށްގެން އެމްޑީޕީން ނޯންނާނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތީޚާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ކެނޑިޑޭޓުން ނެރޭ އިރު އެޕާޓީން މިހާރުވަނީ ކެމްޕޭން ފަށާފައެވެ.