ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުވެ ތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލުވެއްޖެނަމަ އެކަމާއި ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީ ހަރުގެ ހުޅުވުމަށް ބުދަ ދުވަހުގެރޭ ކ.ގުރައިދޫ ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 2 އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް އެކުއްޖާގެ މުނިކާފަ އާއި ކާފަ ޖިންސީގޯނާކުރިކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަކަންކަން ހިނގަމުން އަންނަނީ ކީއްވެކަން އެއްވެސް މީހަކަށް އޮޅިފައި ނުވާކަމަށާއި، އެއީ ޒަމާނުއްސުރެ އެފަދަ ކަންކަމަށް އަޅާނުލެވި އޮތުމުގެ ނަތީޖާކަމަށެވެ. އެހެން ނަމަވެސް މިއަދު އެވާހަކަ ދައްކަން ތިބެވެން ނެތްކަމަށާއި، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަައި އެފަދަކަންކަން ހައްލުކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.
" އަޅުގަނޑު ތިޔަބޭފުޅުންނަށް މިރޭވެސް ޔަޤީންކޮށް އަރުވަނީ، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައ، މަސައްކަތް ކުރުމުގައި ހަވާލުވެތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެކަމަށް އިހުމާލުވެއްޖެނަމަ، އެކަމާއި ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް. އަދި ޒިންމާދާރު ކުރުވުމަށްޓަކައިވެސް ކުރަންޖެހޭ ހުރިހާކަމެއްވެސް އަޅުގަނޑުމެން ފަސްނުޖެހި ކުރާނަން." ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ އިތުރުންވެސް މުޖުތަމައުގައި ބޮޑެތި މައްސަލަތައް އެބަހުރިކަމަށެވެ. މިގޮތުން، ދީނީ ހަރުކަށި ފިކުރާއި، މަސްތުވާތަކެތީގެ މައްސަލަ އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ އެކުއެކީގައި އެއްފަހަރާ ކުރިމަތިލައި ހައްލު ހޯދަންޖެހިފައި ހުރި މައްސަލަތައް ކަމަށެވެ.
އަދި ރާއްޖޭގައި ހުރި އެފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދޭނީ ޒިންމާދާރު ކަމާއި އެކު މަސައްކަތްކުރާނެ ބަޔަކު ލިބިގެން ކަމަށާއި އެމްޑީޕީން މަސައްކަތްކުރަމުންދަނީ އެކަމަށްކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް މިއަރުވަނީ، އަޅުގަނޑުމެންގެ މިދައުރުގެ ތެރޭގައި، މިކަންތައްތަކަށް އިރާދަކުރެއްވިޔާ ހައްލު ގެނެސްދޭނަން. " ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތަކާއި ގުޅިގެން ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ވަނީ ކުއްލިއަވަސް ފިޔަވަޅުތައް އަޅަން ފަށާފައެވެ. މިގޮތުން މިދުވަސްވަރު މިކަމަށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ޚާއްސަ ސަމާލުކަމެއްލިބި ފިޔަވަޅުތައް އަޅަން ފަށާފައި ވަނީ، ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުވެސް ނުފުރޭ ތުއްތު އަންހެންކުއްޖަކަށް އެކުއްޖާގެ މުނިކާފަ އާއި ކާފަ ޖިންސީގޯނާކުރި މައްސަލައަކާއި، ކުއްޖާގެ ބައްޕަގެ އިހުމާލުވުން އެކަމުގައި އޮތް މައްސަލައެއް ފެންމަތިވެ އާއްމުން އެކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ވަގުތެއްގައެވެެ.