ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމާގުޅޭތުން، ރާއްޖޭގެ 20 ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، އިސް މެޖިސްޓްރޭޓުންނާއެކު ބޭއްވުނު މި މަޝްވަރާ ބައްދަލުވުމަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް 19 ޖަނަވަރީ 2020 ގައި ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބައްދަލުވުމުން ނިންމުމާއި ގުޅިގެން ކުރިޔަށް ގެންދެވޭ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ.
މިގޮތުން ޖޭއެސްސީން ނިންމި އެނިންމުމާއި އެކު މިހާރު ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިދާރީ އިސްވެރިންނާއެކު މަޝްވަރާކުރުމަށް ޓަކައި މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވިފައިވާ ކަމަށެވެ.
އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މިފަދަ މައްސަލަތައް، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޓަކައި ރާއްޖޭގެ 20 ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބުދަ ދުވަހުގެ ރޭ މަޝްވަރާބައްދަލުވުން ބޭއްވިފައިވާ ކަމުގައިވެސް ޖޭއެސްސީން ވިދާޅުވެއެވެ.
ޖޭއެސްސީން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތަކާއި އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެންމެހައި މައްސަލަތަކަކީ ޚައްޞާޞް މައްސަލަތަކެއްކަމަށް ވާތީ އެފަދަ އެއްވެސް މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ، ހަމަޖެހިފައިވާ އިޖުރާއާތުގެ ތެރެއިން އަވަސްކަމާއި ހަލުވިކަމާއެކު އެ މައްސަލައެއް ނިންމުމަށް ޓަކައި ކުރާންޖެހޭ މަސައްކަތްތައްކުރިއަށް ގެންދިއުމަކީ މުހިންމުކަމެއްކަމަށް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި އެންމެހައި ފަނޑިޔާރުން ފާހަގަކުރައްވާފައި ވާކަމަށެވެ.
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކަމާއި ހަލުވިކަމާއެކު ނިންމުމުގައި ކޯޓުތަކަށް ކުރިމަތިވަމުންދާ ދަތިތަކެއް ހުރިކަންވެސް މިބައްދަލުވުމުގައި ފަނޑިޔާރުން ފާހަގަކުރެއްވިކަމުގައި ޖޭއެސްސީން ވިދާޅުވެއެވެ. މިގޮތުން، ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހުރުމާއި، މުވައްޒަފުންގެ ދަތިކަންހުރުމުގެ އިތުރުން، މެޖިސްޓްރޭޓް ކޯޓުތަކުގައި ޤާއިމުވެ ތިއްބަވާ މެޖިސްޓްރޭޓުން ނެތުމާއި، ދިފާއީ ވަކީލުންނަށް ކޯޓަށް ޙާޟިރުވުމުގައި ކުރިމަތިވާ ދަތިތަކާއި، ތުހުމަތުކުރެވޭ ފަރާތާއި ހެކިން ކޯޓަށް ޙާޟިރުކުރުމުގައި ކުރިމަތިވަމުންދާ ދަތިތަކެއް ހުރިކަން މެޖިސްޓްރޭޓުންވަނީ ފާހަގަކުރައްވާފައެވެ.
އެ ކަންކަން އެގޮތުގައި ހުރިނަމަވެސް، ކުޑަކުދިންނާމެދު ކުރާ އަނިޔާގެ މައްސަލަތަކަކީ މައްސަލައިގެ ބާވަތުން ޚައްޞާޞް މައްސަލަތަކަކަށް ވެފައި، އެފަދަ މައްސަލަތަކުގައި އަވަސްކަމާއި ހަލުވިކަމާއެކު ޙުކުމެއްކޮށް، ގޮތެއް ނުނިންމޭނަމަ ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެދާނެކަން މެޖިސްޓްރޭޓުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ކުޑަކުދިންނާމެދު ކުރާ އަނިޔާގެ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެނަމަ، ޤާނޫނީ އިޖުރާއާތުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް މައްސަލައިގެ ޚަޞްމުންނަށް ލިބިދިނުމާއެކު، ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން މެދުކެނޑުމެއްނެތި މައްސަލައިގެ ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެގޮތަށް މައްސަލަތައް މެނޭޖްކޮށް، މައްސަލަތައް އަވަސްކުރުމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އަވަސްކަމާއި ހަލުވިކަމާއެކު ޙުކުމެއް ކުރެވިގެން ދާނެގޮތަށް ކޯޓުތަކުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، އެގޮތުގެމަތީން ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން ގެންދިއުމަށް ހުރިހާ ފަނޑިޔާރުންނާއ މެޖިސްޓްރޭޓުންވެސް އެއްބަސްވެވަޑައިގެންފައި ވާކަމުގައި ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.