ސިޔާސީ

ރައީސް މައުމޫން އޮމާންއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ
މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީ.ޕީ.އެމްގެ ރައީސް
އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އޮމާންއަށް ފުރާ ވަޑައިގެންފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ޕީ.ޕީ.އެމްގެ އޮފިޝަލަކު ވިދާޅުވީ، ރައީސް
މައުމޫން އޮމާނަށް ކުރައްވާ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އޮތް
ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. އަދި
މިދަތުރުފުޅުގައި ރައީސް މައުމޫން އޮމާންގެ ރަސްގެފާނާއި، އެޤައުމުގެ
އިސްވެރިންނާ ބައްދަލުކުރައްވާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި
ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތުލިބެއެވެ.

ރައީސް މައުމޫން އޮމާންއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު
އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.