ޚަބަރު

މިހާރު ބޭނުންކުރަމުންދާ ޕްރޮކިއުމަންޓް އުޞޫލަށް ބަދަލުތަކެއް ގެންނަން ޖެހޭ: އެންވަޔަރަންމަންޓް މިނިސްޓަރ


ސަރުކާރުގެ އޮފީސްތަކާއި ވުޒާރާތަކުގައި މިހާރު ބޭނުންކުރަމުންދާ ޕްރޮކިއުމަންޓްގެ އުޞޫލަށް ބދަލުތަކެއް ގެންނަން ޖެހޭކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހަކަތަ ބޭނުންކުރާ ތަކެތި ހޯދުމުގައި "ލައިފް ސައިކަލް ކޯސްޓިންގ" އަށް ރިޔާއަތްކޮށް ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި މުޙާތަބު ކުރައްވައި މިނިސްޓަރ ވަނީ މިހާރު ބޭނުންކުރަމުންދާ ޕްރޮކިއުމަންޓްގެ އުޞޫލަށް ބަދަލުގެނެސް އަލަށް ތައާރަފްކުރާ އުސޫލުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހަކަތަ ސަމަކާރަ ތަކެއްޗަށް އިސްކަންދެވި، ދައުލަތަށް ހޯދޭ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެއްޗަށްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ޤައުމުގެ މާލީ ތަނަވަސްކަން ބޭނުންކުރާއިރު ގެންގުޅޭންޖެހޭ މުހިއްމު އުޞޫލްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭކަން ފާހަގަ ކުރައްވާފައެވެ. އަދި މަޝްރޫއުތަކަށް ނުވަތަ ކަންކަމަށް އެންމެ ބޭނުންތެރިގޮތަށް ފައިސާ ކަނޑައެޅުމަށްފަހުގައި އެންމެ އުފެއްދުންތެރިގޮތަކަށް ޚަރަދުކުރެވޭނެގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޕްރޮކިއުމަންޓް އުޞޫލު ކޮންމެވެެސް ވަރަކަށް ބަދަލުކުރަން ޖެހޭ ހާލަތަކަށް އައިސްފައި މިވަނީ.މިހާރުގެ އުޞޫލުން އޮފީސްތަކަށް ބޭނުންވާ ތަކެތި ގަންނަން ޖެހޭނީ އެންމެ އަގުހެޔޮ އެއްޗެއް ބަލާފަ. މިކަމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ، ކުނި ގިނަވެ ތިމާވެއްޓަަށް އަސަރުކުރޭ."އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ހަކަތަ ބޭނުންކުރާ ސާމާނު ހޯދުމުގައި "ލައިފް ސައިކަލް ކޯސްޓިންގ" އަށް ރިޔާއަތްކޮށް ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގައި ހިމެނޭ މަސައްކަތެކެވެ. މި އުސޫލު ތައާރަފްކުރުމުން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ދެކެއެވެ.

މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމަކީ ސަރުކާރުގެ ހުރިހާ ވުޒާރާތަކަށާއި ނެޝަނަލް ޓެންޑަރ ބޯޑުގެ އިތުރުން މޯލްވްޑިސް އެނަރޖީ އޮތޯރިޓީއަށް ދަޢުވަތުދީގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ޖަޒީރާ ދިރިއުޅުމުގެ ދަށުގައި ހިމެނޭ މި މަސައްކަތަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.