ޚަބަރު

އަންހެނުން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން


އަންހެނުން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫންކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، އަންހެންކުދިން ޚިތާނުކުރުމާއި މެދު ދީނީގޮތުން އެކަން އޮންނަ ގޮތުގެ ރައުޔެއް ހޯދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން، އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެންނެވެ.

ހެލްތް މިނިސްޓްރީގެ އެގްޒެކްޓިވް ބިއުރޯއަށް މިނިސްޓަރ ފޮނުއްވި މެމޯއެއްގައި ވިދާޅުވެފައިވަނީ، އަންހެނުން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާ، އެއީ ސަރުކާރުން ހިތްވަރުވެސް ދޭ ކަމެއް ނޫންކަމަށެވެ. އަދި އެކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތްކަމަށްވެސް ނުދެކޭ ކަމަށެވެ.
އެހެންކަމުން އެޗްޕީއޭއިން އެކަމުގައި ދީނީގޮތުން ކަން އޮންނަ ގޮތެއް ބެލުމަށް، އިސްލާމިކް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީ ބާޠިލްކުރުމަށް މިނިސްޓަރ ވަނީ އަންގަވާފައެވެ.

އަންހެންކުދިން ޚިތާނު ކުރުމަކީ، ރާއްޖޭގައިވެސް ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ މީހުންގެ ތެރޭގައި ހިނގަމުން އަންނަ ކަމެކެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުތައް ފަތުރާ ފަރާތްތައް ހުއްޓުވައި ދީނީ ސައްޙަ މަޢުލޫމާތު ފެތުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި ހަރުކަށި ފިކުރުތަކާ ދެކޮޅަށް ކަމާ ގުޅުންހުރި ފަރާތްތަކުންދަނީ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.