ޚަބަރު

އައު ކޮމިޝަނަރ އާއެކު ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވާނެ - ހޯމް މިނިސްޓަރ


ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒް ކުރުމުގެ މަސައްކަތް އާ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއެކު ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޖަލުތަކުގެ ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ މުނާޒް އެމަޤާމުން ވަކިކުރައްވައި އެ މަޤާމަށް އަޙުމަދު މުޙައްމަދު ފުޅު އައްޔަންކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ރާއްޖޭގެ ޖަލުތައް އިސްލާހު ކުރުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވައި ޖަލު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒް ކުރުމުގެ މަސައްކަތް އާ ކޮމިޝަނަރ އާ އެކު ހަލުވިކޮށް ކުރިއަށްދާނެ ކަމަށެވެ.

ހޯމް މިނިސްޓަރ ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ހުރެ ޢަބްދުﷲ މުނާޒް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މުނާޒް މަޤާމުން ވަކިކޮށްފައި މިވަނީ ދާދިފަހުން ޖަލުތަކުގައި ހަމަނުޖެހުން ހިންގައި ގައިދީން އިޙްތިޖާޖު ކޮށްފައި ވަނިކޮށެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަތުމަށް އެކުލަވާލި ޖަލު އޮޑިޓް ރިޕޯޓުގައި 180އަށްވުރެ ގިނަ ކަންކަން ހައްލު ކުރުމަށް ހިމަނާފައިވެއެވެ.