ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅޭނެ މައްސަލަތަކެއް - ރައީސް


ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ކަންކަން ހުއްޓުވުމާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ބޭއްވެވި މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މިފަދަ މައްސަލަތައް ދިވެހި މުޖްތަމަޢުގައި އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް މި މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

މި މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މިހާރު ހުށަހެޅިފައިހުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ހުރިހާ މުވައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި މިފަދަ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.