ޗައިނާގައި މިހާރު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަމާއި ބެހޭ އިދާރާތަކުން މަޝްވަރާކޮށްފިއެވެ.
ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަނާއި މޯލްޑިވްސް ކަސްޓަމްސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވަނީ ބައިވެރިވެފައެވެ. މިބައްދަލުމުގައިވަނީ ވައިރަހުގެ އެންމެ ފަހުގެ ޚަބަރުތަކާއި މިހާރުގެ ޙާލަތާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ޗައިނާގެ 200 އަށް ވުރެ ގިނަ ސިޓީތަކުގައި މިބަލި ފެތުރިފައިވާކަމުގެ މައުލޫމާތު ލިބެމުން ދާއިރު ރާއްޖެއިން ޗައިނާގެ ބައެއް ސިޓީތަކަށް ދަތުރު ކުރާ ދިވެހިން ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. ޗައިނާގެ ވުއާން ޕްރޮވިންސުން ފެނިފައިވާ މި ވައިރަހަކީ ގައިންގަޔަށް އަރާ ވައިރަސްއެއްކަމަށް މިހާރުވަނީ ޢިއުލާންކޮށްފައެވެ. އެހެންނަމުން ބަލިޖެހިފައި ހުރިމީހަކު ނޭވާލާފައިވާ ނުވަތައް ކެއްސާ ކިނބިހިއެޅުމުގެ ސަބަބުން އެހެންމީހުނަށް ބަލިޖެހޭނެއެވެ. މިބަލިން ރައްކާތެރިވުމަށް ބަލި މީހުން ކައިރިއަށް ނުދިޔުމާއި ގިނައިން އަތް ދޮވުމާއި ކެއްސާ ކިނބިހި އެޅުމުގައި އަނގަމަތި ބަންދުކުރުން ހިމެނެއެވެ. މީގެ އިތުރުން މި ވަރިސް ފެނިފައިވަނީ ދޫނިސޫފާސޫފި އަދި ޖަނަވާރާއި ސީފުޑް ވިއްކާ ބާޒާރުތަކުންކަމަށްވުމުން އެފަދަ ތަންތަނަށް މިދުސްވަސްވަރު ނުދިޔުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.
މީގެ އިތުރުން ޗައިނާއަށް ދަތުރުކުރި ފަރާތެއް ހުންއައިސް ނޭވާލާން އުންދަގޫވުންފަދަ އަލާމާތެއް ފެނިއްޖެނަމަ ވީއެންމެ އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށް ސަމާލުވާނެޖެހޭނެއެވެ. އަދި ޑޮކްޓަރަށް ދައްކަން ނޫންގޮތަކަށް އެފަދަ ފަރާތެއް ބޭރަށް ނުނިކުތުމަށާއި ނުކުންނަ ޙާލަތްތަކުގައި މާސްކް އަޅައިގެން ނިކުތުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. މި ޢަލާމާތްތައް ފެންނަމީހާ ވޭތުވެ ދިޔަ 14 ދުވަހު ދަތުރުކުރި ތަންތަނުގެ މަޢުލޫމާތު ޞިއްޙީ ޚިދުމަތްދޭ ފަރާތާއި ޙިއްސާކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަންނަވައެވެ.