ވިޔަފާރި

އިފޮޕްކާގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭރުގެ 500 އަށްވުރެ ގިނަ ފަރާތަކުން ރަޖިސްޓްރީކޮށްފި


ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން، އިފޮޕްކާގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭރުގެ 500 އަށްވުރެ ގިނަ ވިޔަފާރިވެރިން ރަޖިސްޓްރީ ކޮށްފިއެވެ.

ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކޮންޓްރެކްޓަރުން ހިމެނޭ އިފޮޕްކާގެ އަހަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 28 ވަނަ ދުވަހު ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ އިފޮޕްކާގެ އަހަރީ ބައްދަލުވުމަކީ ޞަރަޙައްދީ ފެންވަރެއްގައި ބާއްވާ ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. ރާއްޖެއިން މި ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކޮންސްޓްރަކްޝަން ވިތު ކޮންޒަވޭޝަން – ބިލްޑް އަ ބެޓަރ ވޯލްޑް"އެވެ.

ރާއްޖޭގައި މި ބައްދަލުވުން ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީނެވެ. މިހާތަނަށް މިބައްދަލުވުމުގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބޭރުގެ ކުންފުނިން ރަޖިސްޓްރީކޮށްފައިވެއެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމުޢިއްޔާ ކަމަށްވާ އިފޮޕްކާގެ މި ބޮޑު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ

މިއީ އިފޮޕްކާގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރަށްވާއިރު މިދިޔަ އަހަރު އިފޮޕްކާ ބައްދަލުވުން ބާއްވާފައިވަނީ މެލޭޝިޔާގައެވެ. އެބައްދަލުވުމުގައި އިފޮޕްކާގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާޙު ވަނީ އިންތިހާބުކޮށްފައެވެ.

ކޮންމެ އަހަރަކު ބާއްވާ އިފޮޕްކާގެ ބައްދަލުވުމުގެ ތެރެއިން ޞަރަޙައްދީ ފެންވަރެއްގައި ޢިމާރާތްކުރުމުގެ ދާއިރާ ހަރުދަނާކޮށް، އެއް ކުންފުނި އަނެއް ކުންފުންޏާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމާބެހޭ ގޮތުންވެސް މަޝްވަރާކުރާނެއެވެ.