ޚަބަރު

ނޭޕާލް ފަރުބަދަމަތީ ތާށީވެފައިތިބި 200 މީހުން ސަލާމަތްކޮށްފި


ނޭޕާލްގެ އަންނަޕުރްނާ ސަރަޙައްދުގެ ފަރުބަދަތަކުގެ މަތިން ސްނޯ ފޭބުމުގެ ސަބަބުން ތާށިވެފައި ތިބި ދުވިސައްތައެއްހާ މީހުން ސަލާމަތްކޮށްފިއެވެ. ސަލާމަތް ކުރި މީހުންގެ ތެރޭގައި ފަތުރުވެރިންނާ، ގައިޑުންގެ އިތުރުން އެމީހުންނަށް އެހީވުމަށް އެސަރަޙައްދަށް ދިޔަ މީހުންވެސް ހިމެނެއެވެ.

ނޭޕާލްގެ ހުޅަނގު އުތުރުގެ ހިމާލިޔާ ސަރަޙައްދަށް ދިޔަ 7 ފަތުރުވެރިންވަނީ ހުކުރު ދުވަހު ގެއްލިފައެވެ. މީގެ ތެރޭގައި ދެކުނު ކޮރެއާއަށް ނިސްބަތްވާ 4 މީހުން ހިމެނެއެވެ. ނޭޕާލްގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިން ބުނީ ސްނޯ ފޭބުމުގެ ސަބަބުން ފަރުބަދަމަތީގެ ގިނަ ސަރަޙައްދުތަކެއްވަނީ މުޅިން ފޮރުވިފައިކަމަށާއި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

މައުންޓް އަންނަޕުރްނާއަކީ ދުނިޔޭގެ 10 ވަނައަށް އެންމެ އުސް ފަރުބަދައެވެ. އެ ފަރުބަދައިގެ އުސްމިނުގައި 8،091 މީޓަރު ހުރެއެވެ. އެ ފަރުބަދައަށް އެރުމަށް ނޭޕާލަށް އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރެއެވެ.

ނޭޕާލްގެ ޖީޑީޕީގެ %4 ޙިއްސާކުރަނީ ފަތުރުވެރިކަމެވެ. ނޭޕާލުން މިހާރު އަމާޒުހިފާފައިވަނީ މިއަހަރު އެ ޤައުމަށް ދެމިލިއަން ފަތުރުވެރިކަން ގެނައުމަށެވެ.