ޚަބަރު

ފަންނުވެރިކަން ކުރިއެރުވުމުގައި ރިނބުދޫ ކައުންސިލަކީ ނަމޫނާ ކައުންސިލެއް: ޔުމްނާ


ސަގާފީ ތަރިކަ ރައްކާތެރިކުުރުމާއި ފަންނުވެރިކަން ކުރިއެރުވުމުގައި ރިނބުދޫ ކައުންސިލަކީ ނަމޫނާކައުންސިލެއް ކަމުގައި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ، ރިނބުދޫގައި ޘަޤާފީ ފަތުރުވެރިކަން ތަޢާރަފްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޯލް މިއުރަލް ހެދުމުގެ މަސައްކަތް ފާހަގަ ކުރައްވައި އެކަމަށް ތައުރީފު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، އެމައްސައްކަތުގައި ރިނބުދޫ ކައުންސިލުގެ މި އިސްނެންގެވުމަށާއި މޯލްޑިވުސް އާޓިސްޓްސް ކޮމިއުނިޓީގެ ފުރިހަމަ ފަންނުވެރި މަސައްކަތަށް ސާބަސް ދަންނަވައި ޝުކުރުދަންނަވާ ކަމަށެވެ.

ރިނބުދޫއަކީ ތިލޭރުން ގިނަ، އަދި ރަންރިހިން ގަހަނާ ހެދުމުގެ މަސައްކަތަށް މަޝްހޫރު ރަށަކަށް ވުމާއި އެކު، ޘަޤާފީ ފަތުރުވެރިކަމާއި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ރިނބުދޫ ކައުންސިލުން އަންނަނީ މަސައްކަތައް ކުރަމުންނެވެ.

މިގޮތުން އެރަށުގެ ގެތަކުގެ ފާރުތަކުގައި ކުރެހުންތައް ކުރެހުމުގެ އިތުރުން ސަޤާފީ އަދި ފަންނުވެރި މަސައްކަތްތައް ދައްކުވައި ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެމަސައްކަތާއި ގުޅޭ ގޮތުން ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބުރާހިމް ހާތިމް ވިދާޅުވީ، ވޯލް މިއުރަލްތައް ހެދުމުގެ އިތުރުން އެމަގު ތަރައްޤީ ކުރާނީ، ކަލްޗަރަލް ހައިވޭއެއްގެ ގޮތުގައި ކަމަށެވެ. މިގޮތުން ރަށުގެ ގެސްޓް ހައުސްތަކުގައި ތިބޭ ފަތުރުވެރިންނަށާއި، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް، ރިނބުދޫގެ ތާރީޚާއި އާދަކާދަ އާއި ސަޤާފަތާއި، ކެއިން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ފެނިގެންދާނޭ ގޮތަށް ސްޓޯލްތައް ހެދިގެން ދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރިނބުދޫގެ މަގުތަކުގައި ކުރަހަމުންދާ ކުރެހުންތަކަށް ފަތުރުވެރިންނާއި އާއްމުންގެ ބޮޑު މަޤުބޫލުކަމެއް ވަނީ ލިބިފައެވެ.