ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 80 އަހަރުގެ މީހަކު ހައްޔަރުކޮށްފި


ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ބޭޭއްވި އެއްވުން - ފޮޓޯ: މުޙައްމަދު ވަޙީދު / ޕީއެސްއެމް ނިއުސް.

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި، އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޒޯނުގެ ރަށަކުން ހުށައަޅާފައިވާ މައްސަލަ އާއި ގުޅިގެން 80 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް ފުލުހުން ވިދާޅުވެއެވެ.

80 އަހަރުގެ މީހާ މިއަދު ހައްޔަރު ކުރި އިރު، 12 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެއެވެ.

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް މިދުވަސްވަރު ފެންމަތިވެފައި މިވަނީ، ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލަ އަކާއި، ކުއްޖާގެ ބައްޕަގެ އިހުމާލުގެ މައްސަލައެއްގައި އާއްމުން ވަރަށްބޮޑަށް ކަންބޮޑުވެފައިވާ ވަގުތެއްގައެވެ.

އަދި ޖިންސީގޯނާގެ މައްސަލަތައް އަވަހަށް ބަލައި ކުއްވެރީންނަށް އަދަބުދިނުމަށްވެސް އާއްމުން ގެންދަނީ ގޮވާލަމުންނެވެ.