ކިތަންމެ ކުޑަނަމަވެސް ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި އެތައް ރޮނގަކުން ނަން މަޝްހޫރުވެފައިވާ ޤައުމެކެވެ. ޤުދުރަތީގޮތުން ލިބިފައިވާ ރީތިކަމާ އެއްވަރަށް މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ނުރައްކަލުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައިވަނީ މިކުޑަކުޑަ ދިވެހިރާއްޖެއިންނެވެ.
ސައްތައިސްސައްތަ އިސްލާމީ މި ޤައުމަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ބޯލެނބުމާއެކު، އިންސާނީ ޙައްޤުތަކާއި، ޖިންސުގެ ތަފާތުކުރުން ނައްތާލުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުން އަންނަ ޒަމާނީ ހޭލުންތެރި ރައްޔިތަކު ދިރިއުޅޭ ޤައުމެކެވެ. މިއާއެކު ރާއްޖެއިން ދަނީ އަންހެނުންން ބާރުވެރިކުރުމާއި އަންހެނުންނަށް ހައްޤުމިންވަރު ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
ޒިންމާދާރު މަޤާމުތަކުގައި ދިވެހި އަންހެން ބޭފުޅުން ޙަރަކާތްތެރިވާ މަންޒަރު މިވަނީ ފެންނަން ފަށާފައެވެ. ދާދިފަހުން އިންޑިއާގައި ބޭއްވި ރައިސީނާ ޑައިލޮގް 2020ގެ ހަވާސާގައި ރާއްޖެއިން ދޭދޭ ޤައުމުތަކާއިއެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން މިކަން ފެނި އެޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ވަނީ އެކަން ފާހަގަކޮށްފައެވެ.
ނިއުދިއްލީގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބޭއްވި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ސަފީރުގެ ނާއިބުގެ އިތުރުން ފޮރިންގ މިނިސްޓްރީގެ ޑިރެކްޓަރުގެ ގޮތުގައި ތިން އަންހެން ބޭފުޅުން ބައިވެރިވެ ވަޑައިގަތުމަކީ އެތައް ޤައުމެއްގެ ވަޒީރުންނާއި ޖަމްޢިއްޔާތަކުގެ އިސްވެރިންގެ ތަޢުރީފު ރާއްޖެއަށް ލިބުނު ކަމަކަށެވެ.
އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމާއި އަންހެންނުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގައިވެސް އިސްކޮށް ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމާޢަތެއްކަމުގައިވާ ކޮމަންވެލްތްގެ ސެކްރަޓަރީ ޖެނަރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާއެކު ފޮރިން މިނިސްޓަރު ބޭއްވި ބައްދަލުކުރެއްވުމުގައި މިމަންޒަރު ވަރަށް ފުރިހަމައަށް ފެނިގެންދިޔައެވެ. އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރުގެ އަރިހުގައި 3 އަނަހެން ބޭކަނބަލުން ތިއްބެވިއިރު، ކޮމަންވެލްތް ސެކްރަޓަރީ ޖެނެރަލްގެ އަރިހުގައި ތިއްބެވީ މުޅީންވެސް ފިރިހެން ބޭފުޅުންނެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ އެވަގުތުކޮޅަކީ އެމަނިފާނަށް ވަރަށް އުފާވެރި ވަގުތުކޮޅަކަށްވި ކަމަށާއި، ކޮމަންވެލްތް ސެކްރެޓަރީ ޖެނަރަލް އެކަން ފާހަގަކުރެއްވުމުން ފަޚުރުވެރިވެވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ފަޚުރެއް އަޅުގަނޑު ކޮމަންވެލްތް ސެކްޓަރޓަރީ ޖެނަރަލާ ބައްދަލުކުރަން އިށީންއިރު އަޅުގަނޑާއެކުގައި ތިއްބެވި މުޅި ވަފްދަކީ އަންހެން ބޭފުޅުން ކޮމަންވެލްތް ސެކްރެޓަރީ ޖެނަރަލްއަކީ އަންހެން ބޭފުޅެއް އެކަމާނާގެ އަރިހުގައި ތިއްބެވި މުޅި ވަފްދުގައިތިބީ ފިރިހެން ބޭފުޅުން. އަދި ޔޫރަޕްގެ ބައެއް ޤައުމުތަކާއެކު އަޅުގަނޑުބޭއްވި ބައެއް ބައްދަލުކުރެއްވުންތަކުގައިވެސް ފެނިގެންދިޔައީ ދިވެހިރާއްޖޭގެ ވަފްދުގައި އަންހެން ބޭފުޅުން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރުގެ މިދަތުރުފުޅުގެ ތެރެއިވެސް ކަންކަން އިންތިޒާމުކުރުމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރު ޢާއިޝަތު މުޙައްމަދު ދީދީއާއި ސަފީރުގެ ނާއިބާއި އަދި އިންޑިއާގެ ބައެއް ކަންކަމުގައި މިނިސްޓަރަށް ލަފަޔާއި އިރުޝާދު ދެއްވުމުގައިވެސް އަންހެން ބޭފުޅުން ހަރަކާތްތެރިވަމުންދިޔަތަން ފެނިގެންދިޔައެވެ.
މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ޚާރިޖީ ދާއިރާއިން އަންހެން ބޭފުޅުންގެ ދައުރު ފުޅާވެފައިވާކަން ފެނިގެންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ މިއަހަރުގެ ތެރޭގައި ބޭރު ގައުމުތަކުގެ މިޝަންތަކުގައި ތިއްބަވާ ސަފީރުންގެ %50 އަންހެން ބޭފުޅުންނަށް ބަދަލުކުރައްވާވާނެކަމަށް ވިދާޅުވެފައެވެ.
މިހާރު ރާއްޖެއިން ބޭރުޤައުމުތަކަށް ކަނޑައަޅުއްވާފައިވާ ސަފީރުންގެ ތެރޭގައި 18 ބޭފުޅަކު ހިމެނޭއިރު، އަންހެން 7 ސަފީރުން ތިބިކަން ފާހަގަކޮށްލެވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެބިނެޓަށް ބަލާއިރުވެސް ކުރިއާ އަޅާބަލާއިރު އަންހެން ބޭފުޅުން ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން ކެބިނެޓްގެ %33 ވަޒީރުންނަކީ އަންހެން ބޭފުޅުނެވެ. މީގެ ތެރެއިންވެސް މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަކީ ރާއްޖޭގެ ފުރަތަމަ ދިފާޢީ ވަޒީރެވެ.
އަދި ދިވެހިރާއްގޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުންގެނައި އިސްލާހާއެކު ކައުންސިލްތަކުގެ %33 އަންހެން ބޭފުޅުންނަށް ޚާއްސަކުރުމަށް ހިމަނައި އެ އުސޫލުން ކައުންސިލަރުން އިންތިޚާބުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
މީގެ އިތުރުން ފުރުތަމަ ފަހަރަަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ބެންޗަށް އަންހެން ފަނޑިޔާރުން ދާދިފަހުން މިވަނީ އައްޔަންކުރައްވާފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް ދައުލަތުގެ އިސް މަޤާމުތަކާއި، ވަޒީރުންގެ މަޖިލީހުގެ ނުފޫޒުގަދަ ވުޒާރާތަކުގެ ހިންގެވުމުގެ އިތުރުން އިންޑިއާ، ޗައިނާ، މެލޭޝިއާ، އިނގިރޭސީ ވިލާތް، އެމެރިކާ، ބަންގްލަދޭޝް ފަދަ ބޮޑެތި ޤާއުމުތަކުގައި ރާއްޖެ ތަމްސީލުކުރެއްވުމަށް އަންހެން ބޭފުޅުން އައްޔަންކުރައްވާ އެފަދަ ޒިންމާތައް ހަވާލުކުރައްވާފައިވުމަކީ އަދުގެ ސަރުކާރުން މިންތީގެ ހަމަހަމަކަމަށް އިސްކަންދޭކަމުގެ އަލިގަދަ ހެއްކެކެވެ.