ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށްގެ އެކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެމްއެންޑީއެފާއި ހިއްސާކޮށްފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެފަދަ ކަމެއް ހިނގާފައިވާކަމުގެ މަޢުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާ އާއި ހިއްސާކޮށްފައި ނުވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މިކަމުގެ ވާހަކަފުޅުދެއްކެވި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރާއި އަދި ފުލުހުންނާ، މި މުއައްސަސާގެ ފަރާތުން ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރިކަމެއް ނުވަތަ އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދީފައި ނުވާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އަދި ސިފައިންގެ މީހެއްގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލެއް ހިނގާފައިވާކަމުގެ މަޢުލޫމާތެއް އެއްވެސް ފަރާތަކުން މި މުއައްސަސާއާއި ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅަމުންދާނެކަމަށާއ ދިވެހި އެންމެހައި ރައްޔިތުންނަށް އެކްނ ޔަޤީންކޮށްދެއްވާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ދެކުނުރަށެއްގައި އުމުރުން ދެ އަހަރުގެ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވެސް ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި އަދި މި ލާއިންސާނީ އަނިޔާވެރި ޢަމަލު ހިނގި ފަރާތްތަކަށް ހައްޤު އަދަބު ލިބުމީ އެ މުއައްސަސާގެެ ވެސް ނުހަނު ބޮޑު އެދުމެއްކަމުގައި އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.