ޖިންސީ އަނިޔާ ލިބުނު 2 އަހަރުގެ ކުޑަކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް ގޮވާލައި، ހުޅުމާލެ 108 ފުލެޓްކައިރީގައި އެއްވި އާއްމުންގެ ތެރެއިން ފުލުހުުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގި 27 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހަމަނުޖެހުން ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 27 މީހުންގެ ތެރޭގައި އަންހެނަކާއި، 18 އަހަރު ނުފުރޭ ކުޑަކުދިންވެސް ތިބި ކަމަށެވެ.
މިގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރު ނުފުރޭ 3 ކުދިން އާއިލާ އާއި ހަވާލުކޮށްފައި ވާކަމަށާއި، އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެންމީހާ އާއި އިތުރު ހަތަރު ފިރިހެނުން ބަންދުން ދޫކޮށްލާފައިވާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
ހުޅުމާލެ ފުލެޓް 108ގެ އެޕާޓްމެންޓެއްގައި، ޖިންސީ އަނިޔާލިބުނު ކުޑަކުއްޖާގެ ބައްޕަ ހުރިކަމުގެ މައުލޫމާތު ލިބިގެން އިއްޔެ މެންދުރުފަހުން ފެށިގެން އެސަރަހައްދަށް އާއްމުން އެއްވެ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.
އަދި އެސަހައްދަށް ދިޔަ ފުލުހުންނާއި ކުރިމަތިލައި ބައެއް މީހުން މާރާމާރީ ހިންގި މަންޒަރުވެސް ފެނިފައިވެއެވެ. މިގޮތުން ބައެއް މީހުން ފުލުހުންނަށް ގަލާއި ފުޅި ފަދަ ތަކެތިން ހަމަލާ ދިނުމުގެ ސަބަބުން 2 ފުލުހަކު ޒަޚަމްވިއެވެ.
2 އަހަރުގެ ކުޑަ އަންހެންކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.