ކުޅިވަރު

މަހިބަދޫ އަތުން މޮޅުވެ ޓީސީ ލީގުގެ ދެވަނައަށް


ތިނެއް ސުމަކުން މަހިބަދޫ ބަލިކޮށް، އޫރިދޫ ދިވެހި ޕްރިމިއަރ ލީގުގެ ތާވަލުގެ ދެވަނަ މަޤާމަށް ޓީސީ ޖެހިލައިފިއެވެ.މިރޭ ޓީސީ އާއި މަހިބަދޫ ބައްދަލްކުރި މެޗުގެ ފުރަތަމަ ދެ ގޯލް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އަހުމަދު ފައްރާހު ނަގައިދިން ހުރަހެއް ބޮލުން ގޯލްގެ ތެރެޔަށް ވައްދާލައިގެން ޓީސީއަށް ލީޑް ނަގައިދިނީ އަލީ ނާފިއު އެވެ. އޭގެ ހަތް މިނެޓްފަހުން އަހުމަދު ޒާދު ޕެނަލްޓީ އޭރިޔާތެރެޔަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ކަނަށް ވައްދާލީ ފޯވާޑް ނާއިޒް ހަސަން އެވެ. މެޗުގެ ދެވަނަ ހާފުގައި ޓީސީއަށް ނަތީޖާ ތިނެއް ސުމަކަށް ބަދަލުކޮށްދިނީ އެ ޓީމުގެ މެދުތެރެޔަށް ކުޅޭ އަޙުމަދު ރިޟްވާން އެވެ. މުޅި މެޗް ކޮންޓްރޯލްކޮށްގެން ކުޅުނު ޓީސީއަށް ފުރަތަމަ ހާފުގައިވެސް އަދި ދެވަނަ ހާފުގައިވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިގެންގޮސްފައެވެ. މިރޭގެ ނަތީޖާޔާއެކު ކުޅުނު ހަ މެޗުން ލިބުނު އެގާރަ ޕޮއިންޓާއެކު ޓީސީ ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓަށް ތޭރަ ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ތާވަލުގެ ފުލުގައި މަހިބަދޫ އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.މެޗަށްފަހު ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ މިރޭގެ މެޗުގައި ޓީސީގެ އަސްލު ކުޅުން ފެނިގެންދިޔަކަމަށެވެ. އަދި ފުރަތަމަ ބުރުގައި ޓީމް ދެއްކި ކުޅުމާއި، އޮތް ހިސާބާ މެދު ހިތްހަމަޖެހޭކަމަށް ނިޒާމް ބުންޏެވެ.މަހިބަދޫގެ ކޯޗް ސްޓޮއިކޯފް ބުނީ ޓީމްގައި ގިނަ މައްސަލަތަކެއް އެބަހުރިކަމަށާ އެންމެ ބޮޑު މައްސަލަޔަކީ ޓީމްގެ ސްކޮޑުގައި ބަދަލުކޮށްލާނެ ފެންވަރު ރަނގަޅު ކުޅުންތެރިޔަކު ނެތުން ކަމަށެވެ. އަދި މެޗުގައި ޓީމްގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމެއްކަމަށް ސްޓޮއިކޯފް ގަބޫލްކުރިއެވެ.