ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ އުމުރުން ދެއަހަރުގެ ތުއްތު ކުއްޖާއަށް އެކުއްޖާގެ ޢާއިލާގެ ބައެއް މެމްބަރުންގެ ފަރާތުން ޖިންސީ ގޯނާކުރި ލާއިންސާނީ އަނިޔާވެރި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިޢަމަލު ހިންގި ފަރާތްތަކަށް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައިވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މިތުއްތު ކުއްޖާ ދިރިއުޅުނު މާހައުލުގައިވާ އެހެނިހެން ކުދިންނަކީ އެފަދަ ދަށުދަރަޖައިގެ ޢަމަލުތަކުން ރައްކާތެރިވެފައިވާ ކުދިންތޯ ވަގުތުން ވަގުތަށް ކަށަވަރު ކުރުމަށް ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.
އަދި މިލާއިންސާނީ ދަށުދަރަޖައިގެ އަނިޔާވެރި ޢަމަލު ހިންގާ ކަމަށް އެނގި ތިބެ އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާ އިހުމާލުވި ފަރާތްތަކާއި މުއައްސަސާތައް ހޯދުމުގެ ތަޙްޤީގު އެޗްއާރްސީއެމުން ފަށާފައިވާ ކަމަށްވެސް މިބަޔާނުގައިވެއެވެ. އަދި މިމައްސަލައިގަ މުއައްސަސާތަކުން ޢަމަލުކުރަމުންދާ ގޮތް އެޗްއާރްސީއެމުން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ.
މި މައްސަލަ އާކްއިންވެސްވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އާކުން ނެރުނު ބަޔާނުގައިވަނީ ޤާނޫނުތައް ތަންފީޒުކުރުމާއި، ޝަރުޢީ ނިޒާމުގައި އަދި އިޖުތިމާޢި ޚިދުމަތުގެ ދާއިރާގައި ހުރި މައްސަލަތަކުގެ ސަބަބުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރާ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވި، ކުޑަކުދިންނަށް ކުރާ އަނިޔާގެ ކޭސްތަކުގައި އިހުމާލުވެ، އެކަށީގެންވާ ސަމާލުކަން ނުދެވޭތީ އާކްއިން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.
ރޭޕް، ޖިންސީ ގޯނާ އާއި ޖިންސީގޮތުން ކުޑަކުދިންގެ ނާޖާއިޒް ފައިދާނެގުމަކީ ދިވެހިރާއްޖޭގައި ބޮޑެތި ކުށްތައް ގޮތުގައި ހިމެނޭ ކަންކަމެވެ. މިފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ޚާއްޞަ ޤާނޫނުތަކެއް ވަނީ ފާސްކޮށްފައެވެ. އެހެންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށް ހުރި ޤާނޫނުތަކާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙަދާތަކާ އެއްގޮތްވާގޮތަށް، މިމައްސަލަ ތަޙްޤީޤުކޮށް މިފަދަ ބޮޑެތި އަނިޔާތައް ކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ އިތުރުން، ކުއްޖާއަށް ބޭނުންވާ ޚާއްޞަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް އާކުން ކަމާބެހޭ ފަރާތްތަކަށްވަނީ ގޮވާލާފައެވެ.
އަނިޔާ އާއި އިހުމާލުން ކުޑަކުދިން ރައްކާތެރި ކުރުމުގައި މުޅި މުޖުތަމަޢުގެ ޒިންމާ އޮންނަކަން ފާހަގަކޮށް، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އިނގޭނަމަ އަދި ޝައްކުކުރެވޭނަމަވެސް، ލަސްނުކޮށް 1412 ނުވަތަ 3000600 އަށް މައްސަލަ ރިޕޯޓުކުރެއްވުމަށް އާކުން އިލްތިމާސްކުރެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކަމާގުޅޭ އެންމެހާ އިދާރާތަކާއެކު މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އާކުންވަނީ ދީފައެވެ.