ޚަބަރު

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް ދަޢުވާ ކުރުން މުހިންމު - ޕީޖީ ޝަމީމް


ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް ދަޢުވާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދޅުވެއްޖެއެވެ.

ޕީޖީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ގުޅިގެން މިމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވީހާ އަވަހަކަށް ޝަރީޢަތް ނިންމުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވަމުން ޕީޖީ ވިދާޅުވީ މިނިޒާމު ހިނގާކަން އިހްސާސްވާންޖެހޭ ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް މިހެން ވިދާޅުވެފައި މިވަނީ ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައިގަ އެ ކުއްޖާގެ މުނިކާފައާއި ކާފަ ހައްޔަރުކޮށްފައިވަނިކޮށެވެ. ގއ.ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާ ރޭފްކުރި މައްސަލައިގަ ހައްޔަރުކުރި ދެމީހުންނާއި ބެހޭ މައުލޫމާތު ފުލުހުން އާއްމުނުކުރި ނަމަވެސް އެ މައްސަލައިގަ ދެމީހަކު ހައްޔަރުކުރިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން 81 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގަ އިތުރު މީހެއްގެ މައްޗަށްވެސް އާއްމުން ތުހުމަތުކުރެއެވެ. އެއީ އެ ކުއްޖާގެ ބައްޕައެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައިގަ ހިމެނޭ ދެ އަހަރުގެ ތުއްތު ކުއްޖާ ހުރީ މިވަގުތު ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައެއް ނޫސްތަކުގައާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާތާ 2 ދުވަސް ފަހުން މިއަދު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ނެރުނު ބަޔާނެއްގައިވަނީ ދެކުނުގެ ރަށެއްގެ ކުޑަ އަންހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިދިޔަ ބުދަ ދުވަހު އެމިނިސްޓްރީއަށް ހުށަހެޅުމާ ގުޅިގެން، މި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު ކުރެވުނު މަސައްކަތްތަކުން ހިނގާފައިވަނީ ޖިންސީ އަނިޔާގެ މައްސަލައެއްކަން އެންގިފައިވާ ކަމަށެވެ.

އެހެންކަމުން، އެ ކުއްޖާއަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުވައި ދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާއެކު، އެ ކުއްޖާ ޢާއިލާއިން ވަކިކުރެވި ރައްކާތެރި މާޙައުލަކަށް ބަދަލުކުރެވިފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މި މައްސަލައިގަ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން އެމިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިބަޔާނުގައިވެއެވެ.

މިމައްސަލަ އާއި ގުޅިގެން ޖެންޑަރ މިނިސްޓްރީ ހިމެނޭ ސަރަހައްދަށް އާއްމުންގެ ގިނަ ބަޔަކު އެއްވެ މިވަނީ އަޑުއުފުލާފައެވެ. މިއެއްވުމުގައި ބައިވެރިވި މީހުންދިޔައީ މިފަދަ މައްސަލަތައް ފެންމަތިވަމުން ދިޔަނަމަވެސް މިއިން އެއްވެސް ކަމަކަށް އެދެވޭ ހައްލެއް ނުލިބޭތީ މިކަމުގެ ނުރުހުން ފާޅުކޮށް ޖެންޑަރ މިނިސްޓަރުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. އެއްވުމުގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ވިދާޅުވީ ކުއްޖާގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށާއި، އެހެން ނަމަވެސް އެކުއްޖާ މިވަގުތު ހުރީ ރައްކާތެރި މާހައުލެއްގައި ކަން މިނިސްޓަރވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރަށުގެ ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވެއެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށާއި މިހާތަނަށް ބެލިބެލުމުން ކުއްޖާއަށް ޖިންސީގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ މިވަގުތު އެ ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެސް ނޫސްތަކުގައިވެއެވެ.

ރަށުގެ މީހުންނާ ހަވާލާދީ ނޫސްތަކުގައިވަނީ އެ ކުއްޖާގެ މަންމައާއި ބައްޕައަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުންނެވެ. އެ ދެ މީހުންގެ ފަރާތުން އެ ދަރިފުޅަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ވަނީ ބުނެފައެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފައަކީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުވެސް ކޮށްފައިވާ މީހެއް ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެކުއްޖާގެ މަންމަ ފަރާތު އާއިލާ މީހަކާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން "މުޅި އާއިލާއަކީ އެކަމުގެ ބެކްގްރައުންޑު އޮންނަ ބައެއް ކަމަށާއި ރަށުގެ މީހުންނަށްވެސް އެކަން އެނގޭނެ ކަމަށެވެ.