ދީން

ޤިޔާމަތް ދުވަހުން މާތް ﷲގެ ޢަރްޝީގެ ހިޔާވަހިކަން ބޭނުންތަ؟


މި ބިންމަތީގައިވާ ﷲގެ ގެކޮޅު ތަކަކީ އިންސާނުންގެ އަތުން ބިނާކުރާ މިސްކިތްތަކެވެ. އެހެންކަމުން މި ބިންމަތީގައިވާ ﷲގެ ގެކޮޅު ތަކަށް އަދަބު އިޙުތިރާމް އަދާކުރުމާއެކު އަދާކޮށްދޭންޖެހޭ އެހެނިހެން ޙައްޤު ތަކެއްވެސްވެއެވެ.

ކީރިތި ﷲ އަށް ލޯބިކުރާ މީހާ އެކަލާންގެ ގެކޮޅުތަކަށް ލޯބި ކުރާނެއެވެ. އެއިލާހުގެ ގެކޮޅުތަކަށް ގިނަ ގިނައިން ޒިޔާރަތް ކުރުމަށްވެސް ލޯބި ކުރާނެއެވެ. ކީރިތި ޤުރުއާނުގެ ޖިންނި ސޫރަތުގެ 18ވަނަ އާޔަތުގައި ކީރިތި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައީ: "އަދި މިސްކިތްތައް ވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ﷲ އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!" ކީރިތި ޤުރުއާނުގައި މާތްﷲ ކަނޑައެޅިގެން ސާފު ބަހުން ވަޙީކުރައްވާ އަންގަވާފައި މިވަނީ މިސްކިތްތައް ވަނީ އެ އިލާހަށް އެކަނި ކަމުގައެވެ. އެތަނުގައި އެކަލާނގެއަށް ޝަރީކު ކުރުން މިވަނީ ސާފު ޞަރީޙަ ޢިބާރާތުން މަނާކުރައްވާފައެވެ.

އަބޫ ނުޢައިމްގެ ކިބައިން މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީ ރިވާކުރެއްވި ޙަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ގުދްސިއްޔަ ޙަދީޘެއްގައި މާތް ﷲ ތަޢާލާ ވަޙީ ކުރައްވައެވެ. "ތިމަން ﷲ ގެ ބިމުގައިވާ ތިމަން ﷲ ގެ ގެކޮޅު ތަކަކީ މިސްކިތްތަކެވެ. އެމިސްކިތްތަކަށް ޒިޔާރަތް ކުރާ މީހުންނަކީ އެމީސްކިތް ޢިމާރާތް ކުރާ މީހުންނެވެ. ގެއިން ވުޟޫ ކޮށްގެން ތިމަން ﷲގެ ގެޔަށް ޒިޔާރަތް ކޮށްފި މީހަކަށް ހުރި ހެޔޮކަމެއްގެ ބޮޑު ކަމާއެވެ. ޒިޔާރަތް ކުރާ ފަރާތަށް މެހްމާންދާރީ އަދާ ކުރުމަކީ ޒިޔާރަތް ކުރެވޭ ފަރާތުގެ މައްޗަށްވާ ޙައްގެކެވެ." ކީރިތި ﷲގެ މި ބަސްފުޅުން އެނގިގެންދަނީ މި ބިންމަތީގައިވާ ﷲ ގެ ގެކޮޅުތައް ކަމުގައިވާ މިސްކިތްތަކަށް އަޅުކަންކުރަން ޒިޔާރަތްކުރާ މީހުންނަކީ އެ މިސްކިތްތައް ބިނާކުރާ މީހުންނާ އެއްފަދަ ބައެއް ކަމުގައެވެ. ނަތީޖާއެއްގެ ގޮތުން މިސްކިތަށް ޒިޔާރަތް ކުރާ މީހުންނަށް ﷲ ތަޢާލާ ދެއްވާ އެންމެ ބޮޑު ހަދިޔާ އަކީ ފުރިހަމަ އީމާންކަމުގެ އަހުލުވެރިޔެއް ކަމުގައި އެމީހަކު ލެއްވުމެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން އަލް އިމާމް އައްތިރްމިޛީގެ ރިވާކުރެއްވި ޙަދީސް ބަސްފުޅެއްގެ މާނައިގައިވަނީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. "މީހަކު މިސްކިތަށް ދިޔުން އާދަކޮށްފިނަމަ އެމީހަކީ އީމާންކަމުގެ އަހްލުވެރިޔެއް ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ." ސޫރަތުއް ތައުބާގެ 18 ވަނަ އާޔަތުގައި މާތް ﷲ ތަޢާލާ ވަޙީކުރައްވާ އަންގަވާފައިވަނީ " މާތް ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، މާތް ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ."

ޤިޔާމަތް ދުވަހުން މާތް ﷲގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހި ކަމެއް ނުވާ ދުވަހުގައި އެކަލާންގެ ޢަރްޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި އެމީހެއްގެ ހިތް މިސްކިތާ ގުޅިފައިވާ މީހާ ހިމަނުއްވާފައި ވާކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވަނީ، "މާތް ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތް ބާވަތެއްގެ ބަޔަކަށް އެކަލާނގެ ހިޔާވަހިކަން ދެއްވައެވެ. އޭގެ ތެރޭގައި އެމީހެއްގެ ހިތް މިސްކިތްތަކާ ގުޅިފައިވާ މީހާ ހިމެނެއެވެ."

މިސްކިތްތަކަކީ ނުވަތަ މި ބިންމަތީގައިވާ މާތް ﷲގެ ގެކޮޅު ތަކަކީ ހަމައެކަނި ﷲ އަށް އަޅުކަން އަދާ ކުރުމަށް އެކަނި ބޭނުންހިފޭ ތަންތަނެއް ނޫންނެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެ މީހުންނަށް މުޅި ބިން ވެސް ލައްވާފައިވަނީ ނަމާދު ކުރުމަށް ޠާހިރު ރަގަޅު ތަންތަން ކަމުގަ. މިކަން ބަޔާން ކުރައްވާ މާތް ﷲ ރުއްސުންލެއްވި އަބޫޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވި. ތިމަންނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. "ބިމުގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިސްކިތަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "އަލްމަސްޖިދުލް ޙަރާމެވެ". ތިމަންނާ ދެންނެވީމެވެ. "ދެން ކޮން މިސްކިތެއް ތޯއެވެ؟" ޙަދީޘްފުޅު ކުރެއްވިއެވެ. "އަލްމަސްޖިދުލް އަގްޞާ އެވެ." ތިމަންނާ ދެންނެވީމެވެ. "އެދެމެދުގައި ކިހާ ދުވަހެއް ވީތޯއެވެ؟" ހަދީޘްފުޅު ކުރެއްވިއެވެ. "ސާޅީސް އަހަރެވެ." އަދިއެއަށްފަހު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. "ތިބާ އޭރަކު ހުރި ކޮންމެ ތަނެއްގައިވެސް ނަމާދު ކުރާށެވެ. އެއިން ކޮންމެ ތަނަކީ މިސްކިތެކެވެ."

މީސްތަކުން މިސްކިތަށް އަންނަނީ ދުނިޔެވީ ޙަޔާތުގެ ދުނިޔެވީ އެންމެހާ ކަންތައްތައް ދޫކޮށްލުމަށްފަހު ހަމައެކަނި ﷲގެ ވަޖުހުފުޅު އެދިގެންނެވެ. އެހެންކަމުން މިސްކިތަށް ނުވަތަ މި ބިންމަތީގައިވާ ﷲގެ ގެކޮޅަށް އޭނާ ވަނުމުން އޭނާ އަށް ސުވަރުގޭގެ ވަސްޖެހޭއެވެ. ބައެއް ފަހަރަށް ﷲ ގެ ފޮތް މުދާރަސާ ކުރާ ބަޔަކާ ބައްދަލުވެއެވެ. އަނެއްބައި ފަހަރަށް ކޮންމެވެސް ފޮތެއް ކިޔަވައިދޭ ބަޔަކާ ދިމާވެއެވެ. މިހުރިހާ ކަމަކީވެސް މުއުމިނު އަޅާގެ އީމާންކަން އިތުރަށް ފުރިހަމަ ކޮށްދޭ ކަންތައްތަކެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވި ކަމަށް އަލް އިމާމް މުސްލިމް ރިވާ ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައިވަނީ "ބަޔަކު މީހުން ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް އެއްވެ، ﷲގެ ފޮތް ކިޔަވާ، އެބައިމީހުންގެ މެދުގައި ﷲގެ ފޮތް މުދާރަސާކޮށް ހަދާނަމަ، އެބައިމީހުންގެ މައްޗަށް ކީރިތި ﷲ މަޑުމައިތިރިކަން ބާވާލައްވައެވެ. އަދި އެބައިމީހުންނަށް އެ އިލާހު ރަޙްމަތް ލައްވަވައެވެ. އަދި އެބައިމީހުން ވަށައިގެން މަލާއިކަތުން ތިއްބަވައެވެ. އަދި ﷲ ގެ ޙަޟްރަތުގައިވާ މަލާއިކަތްބޭކަލުންގެ އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ."

އެހެންކަމުން ބިންމަތީގައިވާ ﷲ ގެ ގެކޮޅުތައް އާރާސްތުކުރާ ބަޔަކީ މުސްލިމުން ކަމާމެދަކު ޝައްކެއްނެތެވެ. މިސްކިތެއް ބިނާކުރަން މުޅި ޙަޔާތް ޤުރުބާން ކޮށްގެން ބުރަ މަސައްކަތުން ﷲގެ މަގުގައި ފައިސާއާއި މުދާއެއްކޮށް ޢުމުރު ދުވަހުގެ މަސައްކަތުން މިސްކިތެއް ބިނާކުރި މީހެއްގެ ދަރަޖަ އެ މިސްކިތަށް ޒިޔާރަތް ކުރުން އާދަކުރާ މީހަކަށް ލިބިގެންވާއިރު، މިއީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑު ޝައުޤުވެރިކަމެއް ދޭންޖެހޭވަރުގެ މަންފާހުރި ކަމެއްކަން ޤައިމެވެ.