ޚަބަރު

ހަށިވިއްކުވި މައްސަލާގައި އިތުރު 03 މީހަކު ހައްޔަރު ކޮށްފި


ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުންދިޔަ މައްސަލާގައި ފުލުހުން އިތުރު 03 މީހަކު ފުވައްމުލަކުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުވައްމުލަކުން މިއަދު ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ އަންހެނެކެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުންވެސް ތިބިކަން ތަހުޤީޤުން މިހާތަނަށް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 13 މީހުންނަކީވެސް ދިވެހިންނެވެ.

މިއަދުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން މީހުންނަކީވެސް އެކި މައްސަލަތަކުގައި އެކި ފަހަރުމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޚާއްޞަ ތަޙުޤީޤު ޓީމަކާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ތަޙުޤީޤު ޓީމެއް ގުޅިގެން އެރަށުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާކަން ފުލުހުން ފާހަގަކުރެއެވެ.