ޕާކިސްތާނުގެ އެދުމުގެ މަތިން ޗައިނާއިން ކަޝްމީރާ ގުޅޭގޮތުން ހުށަހެޅި މައްސަލަ އދގެ ސަލާމަތީ މަޖިލިހުން ބަލައިނުގަންނަން ނިންމައިފިއެވެ. 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލިހަށް އެމައްސަލަ ހުށަހެޅުމުން ގިނަ ޤައުމުތަކުން ބުރަވީ އެމަޖިލިހަކީ އެފަދަ މައްސަލައެއް ހުށަހަޅަން އެންމެ ރަގަޅު މަޖިލިސް ނޫންކަމަށެވެ. ޗައިނާއިން އެމައްސަލަ ހުށަހެޅުމުން ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުގެ މެދުގައި ވަރަށް ބޮޑަށް ޙިޔާލު ތަފާތުވިއެވެ.
ޗައިނާއިން ހުށަހެޅި މައްސަލަ ރައްދުވާ ޤައުމުކަމަށްވާ އިންޑިޔާއިން ބުނީ ޕާކިސްތާނުން ބޭނުންވާގޮތަށް ސަލާމަތީ މަޖިލިހުން ކަންކަން ނުވާނެކަން ފެނިއްޖެކަމަށާއި ދުނިޔޭގެ ކުރިމަތީގައި ބޮޑު ލަދެއްގައި ޕާކިސްތާން ބެދިއްޖެކަމަށެވެ. އަދި ޕާކިސްތާނުން ބޭނުންވަނީ ގަދަބާރުން ނާޖައިޒުގޮތެއްގައި ކަންކަންކުރަންކަމަށްވެސް އިންޑިޔާއިންވަނީ ތުހުމަތުކޮށްފައެވެ.
ސަލާމަތީ މަޖިލިހަށް މައްސަލަ ހުށަހެޅި ޗައިނާއިން ބުނީ ކަޝްމީރުގެ މައްސަލައަކީ އެޤައުމުން ވަރަށް ގާތުން ބަލަމުންދާ މައްސަލައެއްކަމަށެވެ. އަދި ކަޝްމީރުގެ މައްސަލަ ބަލައިދިނުމަށް އެދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އެތައް ފަހަރަކު ސަލާމަތީ މަޖިލީހަށް ސިޓީ ފޮނުއްވާފައިވާކަމަށްވެސް ޗައިނާއިން ބުންޏެވެ. އެޤައުމުން ބުނީ ކަޝްމީރުގެ މައްސަލައިގައި އަދިވެސް މަސައްކަތްކުރާނެކަމަށާއި މަޝްވަރާކޮށްގެން ޙައްލެއް ހޯދޭނެކަމަށް ޤަބޫލުކުރާކަމަށެވެ.
ކަޝްމީރުގެ މައްސަލާގައި މީގެ ކުރިންވެސް ޗައިނާއިންވަނީ ސަލާމަތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު ހުށަހެޅި މައްސަލައަށް ސަލާމަތީ މަޖިލީހުގެ ބޮޑެތި ބާރުތައްކަމަށްވާ އެމެރިކާ، ރަޝިޔާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ތާއީދެއް ނުކުރިއެވެ.
މިހާތަނަށް ކަޝްމީރާ ގުޅޭގޮތުން އދގެ ސަލާމަތީ މަޖިލިހުން ބަސްމަގު ހުރީ އެމައްސަލައިގެ ތެރެއަށް ނުވަންނަ ގޮތަށެވެ. އެގޮތުން، ސަލާމަތީ މަޖިލީހުގައި ހިމެނޭ ގިނަ ޤައުމުތަކުން ޤަބޫލުކުރާ ގޮތުގައި އެއީ އިންޑިޔާއާއި ޕާކިސްތާނުގެ ދާޚިލީ މައްސަލައެކެވެ.
ކަޝްމީރުގެ މައްސަލައަކީ 1948ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނު އުފެދުނީއްސުރެ ޙައްލުނުވެ އޮތް މައްސަލައެކެވެ. ދެޤައުމުންވެސް ދަޢުވާކުރާގޮތުގައި އެއީ އެޤައުމުގެ ސަރަޙައްދެކެވެ. މިހާތަނަށް އިންޑިޔާއާއި ޕާކިސްތާނުން ކުރި 3 ހަނގުރާމައިގެ ތެރެއިން 2 ހަނގުރާމަކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ.
މިފަހުން ކަޝްމީރުގެ މައްސަލާގައި ނުތަނަވަސްކަން އުފެދިފައިވަނީ އިންޑިޔާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސަރަޙައްދުތަކަކީ އެޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ. އަދި އެނިންމުން ދިފާޢުކުރުމަށް، އިންޑިޔާގެ ގިނަ ޢަދަދެއްގެ ސިފައިން ކަޝްމީރަށް ފޮނުވާ އެސަރަޙައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއްވަނީ އަޅައިފައެވެ.