ހުޅުމާލެއިން ހިމަބިހި ފެނުނު ސަރަޙައްދުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ 70 އިންސައްތަ ގޭބިސީތަކުގެ މީހުންނަށް ވެކްސިން ދީފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ މިދެދުވަހު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތަކީ ހިމަބިހީގެ އަސަރުފެނިފައިވާ ސަރަޙައްދުތަކުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގައި ދިރިއުޅޭ މީހުން ސްކްރީން ކުރުމާއި ވެކްސިން ދިނުން ކަމަށެވެ. އަދި ސިއްޙީ އެހީތެރިންނަށް ވެކްސިން ދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުން ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މީސްލްސްއާއި ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ހުޅުމާލޭގައި ހިމަބިހި ފެނުނު ސަރަޙައްދުގައި ހުރި ގޭބިސީތަކުގެ 70 އިންސައްތަ ގޭބިސީތަކަށް މިހާރު ވެކްސިން ދީ ނިމިފައި ވާކަމަށެވެ.
އަދި މަސައްކަތްކުރަމުން ދަނީ އަންނަ ހަފްތާ ފެށޭއިރު މިމަސައްކަތް މުޅިން ނިންމާލުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވޭތުވެދިޔަ 2 ދުވަހު ޓެސްކުރެވުނު މީހުންގެ ތެރެއިން އެއްވެސް މީހަކު އެބައްޔަށް ޕޮޒިޓިވް ވެފައި ނުވާކަމުގައިވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ބުދަ ދުވަހު 15 މީހުން އަދި ބުރާސްފަތި ދުވަހު 8 މީހުން މިބައްޔަށް ޓެސްޓްކުރިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ބަލި އިތުރަށް ފެތުރެންފަށައިފިނަމަ އެކަމަށް ހެލްތު މިނިސްޓްރީ ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާކަމަށެވެ. އެގޮތުން މިހާރު މާލެގައި އިތުރު ތަނެއްގައި ޓެސްޓުކުރެވޭނެ ތަނެއް ޤާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ވިލިމާލޭގައި ޝައްކުކުރެވޭ މީހުން ޓެސްޓުކުރުމަށް ގެންނާނީ މާލޭގައި ޤާއިމުކުރާތަނުގައި ކަމަށާއި އެކަން މިހާރު ހަމަޖައްސާފައިވާކަމަށެވެ. މީގެ އިތުރުން އަތޮޅުތެރޭގެ ވެކްސިން ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާއިރު ހުރިހާ ރަށެއްގެ މައުލޫމާތު އަންނަ ހަފްތާގައި ހާމަކުރައްވަނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަކީ މީސްލްސް ނައްތާލެވިފައިވާ ޤައުމަކަށްވުމުން ބަލި ކުއްލިއަކަށް ފެތުރި ގިނަ ވުމުގެ ފުރުސަތު ކުޑަނަމަވެސް ބަލީގެ ބާވަތުން ހަލުވިކަމާއެކު ހި،ަބިހި ފެތުރިދާނެކަމަށްޓަކައި މިނިސްޓްރީން ވަނީ ޚާއްސަ ފިޔަވަޅުތައް އަޅަން ފަށާފައެވެ.