ޚަބަރު

ރާއްޖެއާއި ސަރަހައްދީ ޤައުމުތަކުގެ ހަމަޖެހުން އިންޑިޔާކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު - ޝާހިދު


ރާއްޖެއާއި ސަރަހައްދީ ޤައުމުތަކުގައި ހަމަޖެހުން ޤާއިމްވެފައިއޮތުމަށް އިންޑިޔާކަނޑުގެ ސަލާމަތާއި ރައްކާތެރިކަން މުހިއްމުކަމަށާއި، އަދުގެ ސަރުކާރުން ސަރަހައްދީ ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ "ރައިސީނާ ޑައިލޮގް 2020" ގައި ތަޤްރީރުކުރައްވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ ރާއްޖެ ހިމެނޭހެން ސަރަހައްދުގެ ހުރިހާ ޤައުމެއްގެ ހަމަޖެހުމަށްވެސް މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އޮންނަނީ ދުނިޔޭގެ ވިޔަފާރިތަކަށް، ޚާއްސަކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރިއަށް މުހިއްމު ސަރަހައްދެއްގައިކަމަށާއި، ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުން ކޮންމެ އަހަރަކު ނުވަދިހަ އެތައް ހާސް އުޅަނދެއް ދަތުރުކުރާއިރު މި ސަރަހައްދުގެ ސަލާމަތަކީ މުހިއްމުކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ތަޤްރީރުގައި ރާއްޖެއަކީ ޑިމޮކްރަސީއާއި ހެޔޮވެރިކަމެއް ޤާއިމްވެފައި އޮންނަ ހަމަޖެހުން އޮތް ޤައުމަކަށް ވުމާއެކު، ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި، އިންސާނީ ވަގުފާރީގެ ގޮންޖެހުންތައް ހައްލުކުރުމަށް އިންޑިއާ ކަނޑުގެ ސަލާމަތީކަންކަން ކަށަވަރުކުރުން މުހިންމުކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މި ސަރަހައްދުގައިވެސް އަދި މުޅި ދުނިޔޭގައިވެސް އެންމެ ހަލުއިކަމާއެކު އިޤްތިޞާދީ ކުރިއެރުން ހޯދަމުންދާ އިންޑިއާއި ގުޅިގެން ސަރަހައްދުގެ ހަމަޖެހުމަށް ރާއްޖެއިން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަން ވަނީފާހަގަކުރައްވާފައެވެ.

ތިމާވެށީގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ޝާހިދުވަނީ އެމައްސަލަތަކަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން އިސްނަގައިގެން ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެންނަންފެށި މިހާރުވެސް އެކަމުގެ ނުރައްކާ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކެއްކަމަށެވެ. ނަމަވެސް މޫސުމީ މައްސަލަތައް މިހާރު މިވަނީ ދުނިޔޭގެ ސަލަމާތާއި އިންސާނީ ހައްޤުތަކާވެސް ގުޅިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިން ދުވަހުގެ މުއްދަތައް އިންޑިއާގެ ވެރިރަށުގައި ކުރިއަށްދާ ފަސްވަނަ ރައިސީނާ ޑައިލޮގްގައި އިންޑިއާގެ އިތުރުން ދުނިޔޭގެ ބާރަވަރަކަށް ގައުމެއްގެ ޚާރިޖީ ވަޒީރުންވަނީ ތަގުރީރުކުރައްވާފައެވެ.
އަދި މި ބައްދަލުވުމުގެ ހަވާސާގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި އިދާރާތަކުގެ އިސްވެރިންނާއި ރާއްޖޭގެ ޚާރިޖީ ވަޒީރުވަނީ ބައްދަލުކުރައްވާފައެވެ.

ދުނިޔޭގެސަތޭކަ ގައުމަކުން ހަތްސަތޭކައަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ބައްދަލުވުން މިއަދު ނިމޭނެއެވެ.