ކުޅިވަރު

މާޒިޔާ ހާޟިރުނުވުމުން މާލޭ ވެޓަރެންސް ސެމީއަށް


މައްސަލަ ޖެހުމުގެ ސަބަބުން އަލުން ކުޅެން
ހަމަޖެއްސި މެޗަށްވެސް މިއަދު މާޒިޔާ ހާޒިރުނުވުމުން، މާލޭ ވެޓަރެންސްއަށް މެޗު ލިބި އެޓީމް ސެމީއަށް ދަތުރުކޮށްފިއެވެ. މައިލޯ ރަމަޟާން ވެޓަރެންސްކަޕްގައި މާލޭ ވެޓަރެންސް
ކްލަބާއި މާޒިޔާ ވާދަކުރި މެޗު ނިމެން ދެމިނިޓަށް ވެފައިވަނިކޮށް ހިނގާދިޔަ
ހަމަނުޖެހުންތަކުގެ ސަބަބުން މެޗު ހުއްޓާލައި، މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ
ޑިސިޕްލިނަރީ ކޮމިޓީން ވަނީ މާޒިޔާގެ ބައެއް ކުޅުންތެރިންނާއި މާޒިޔާ
ޖޫރިމަނާކޮށް، ބައެއް ކުޅުންތެރިން ސަސްޕެންޑްކޮށްފައެވެ. އަދި އެމެޗު މިއަދު އަލުން
ކުޅެން ނިންމާފައެވެ.

 މައްސަލަ ޖެހުނު އިރު ދޭއް ސުމަކުން ކުރީގައި އޮތީވެސް މާޒިޔާއެވެ. ނަމަވެސް މިއަދުގެ މެޗަށްވެސް މާޒިޔާ ހާޟިރުވެފައި ނުވަނީ އެމައްސަލަ ނިންމުމުގައި
ސާފްނުވާ ގިނަ ކަންތައްތަކެއް ހުރިކަމަށް ބުނެއެވެ. އަދި އެމައްސަލަ ބަލާފައިވަނީ
އިންސާފުން ނޫންކަމަށްވެސް މާޒިޔާއިން ވަނީ ބުނެފައެވެ. މައްސަލަ ޖެހުނު މެޗުގެ
ފަހުން މާޒިޔާ ވަނީ ވެލެންސިޔާއާއި ވާދަކުރަން އޮތް މެޗަށްވެސް ހާޟިރު ނުވެފައެވެ.  އެހެންކަމުން އެމެޗުންވެސް ދޭއް ސުމަކުން ވެލެންސިޔާ މޮޅުވީކަމަށް ވަނީ
ނިންމާފައެވެ. 

އަދި މިއަދުގެ މެޗުން މާލޭ ވެޓަރެންސް ދޭއް ސުމަކުން މޮޅުވީކަމަށްވެސް
މިހާރު ވަނީ ނިންމާފައެވެ. މިނަތީޖާތަކާއެކު ސެމީފައިނަލްގައި ކްލަބް ވެލެންސިޔާ
ވާދަކުރާނީ މާލޭ ވެޓަރެންސް ކްލަބާއެވެ. އަދި ބީޖީ ވާދަކުރާނީ ސޮކަރ ވެޓަރެންސް
އެސޯސިއޭޝަނާއެވެ. ދެ މެޗުވެސް ކުޅޭނީ އަންނަ އަންގާރަ ދުވަހު ހަވީރު ޓާފް ދަނޑުގައެވެ. ދެ މެޗު އެއްވަގުތެއްގައި ކުޅޭނީ ދެ ދަނޑުގައެވެ.