ޚަބަރު

އުފަންވާ ކުދިންގެ ދުޅަހެޔޮކަން ދެނެގަތުމުގެ އިތުރު ޓެސްޓްތައް އައިޖީއެމްއެޗުގައި ހަދަންފަށައިފި


ރާއްޖޭގައި އުފަންވާ ކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މާބަނޑު އަންހެނުންނާއި އަލަށް އުފަންވާ ކުދިންގެ އިތުރު ޓެސްޓުތަކެއް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ހަދަން ފަށައިފއެވެ.

އެގޮތުން މުޅިއަލަށް 7 ޓެސްޓެއް އައިޖީއެމް ހޮސްޕިޓަލުގައި ހަދަން ފަށާފައިވާކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މިއީ ކުއްޖާ އުފަންވުމުގެ ކުރިންނާއި އުފަންވުމަށް ފަހުވެސް ކުއްޖާގެ ގައިގައި ބައްޔެއް ހުރިތޯ ޔަގީންކުރުމަށް ހަދާ ޓެސްޓުތަކެއް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އެހޮސްޕިޓަލުން ވިދާޅުވީ މީގެ ކުރިންވެސް މިފަދަ ޓެސްޓްތަކެއް އައިޖީއެމްއެޗުގައި ހަދާ ކަމަށާއި އެހެންނަމަވެސް ކުރިން އެ ޓެސްޓުތައް ހަދަނީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ވަކި ޙާލަތްތަކުގައި އިންޑިއާއަށް ސާމްޕަލްތައް ފޮނުވައިގެންކަމަށެވެ. އެހެންނަމަވެސް މިހާރު ވަނީ އެސްޓީއޯގެ އެހީގައި އައިޖީއެމްއެޗުގައި މިޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

އަދި މިޓެސްޓުތައް ހަދާ މެޝިނަރީސްތަކަށް އައިޖީއެމްއެޗުގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ގޮތުން މެޝިނަރީސް ގެންނަ ކުންފުނިން މެދުވެރިކޮށް މިހަފްތާގެ ބުދަ ބުރާސްފަތި ދެދުވަހު ތަންރީންތަކެއް ބޭއްވުމަށް ވެސް ވަނީ ރާވާފައެވެ. މިޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމު ވިދާޅުވީ އަލަށް ޤާއިމުކުރެވުނު މެޝިނަރީސްތަކާއެކު އާ ޓެސްޓުތަކެއް ހެދުމުގެ ފުރުސަތު ފަހިވެގެން ދިޔުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ. އަދި އައިޖީއެމްއެޗުގެ އަމާޒަކީ މުޅި ރާއްޖޭގައި އުފަންވާ ހުރިހާ ކުދިންނަކީވެސް މިޓެސްޓުތައް ހެދިފައިވާ ކުދިންނަށް ވުން ކަމުގައި އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ޤައުމުގެ ކުރިއެރުމަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެވިގެން ކުރެވޭނެކަމެއް ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އެސްޓީއޯއިން އަބަދުވެސް އެހީތެރިވާނެކަމުގައި އަމުރު ވިދާޅުވިއެވެ.

އައިޖީއެމްއެޗާއި އެސްޓީއޯ އަދި ނޭޝަލް ހެލްތުކެއާރ އެކަޑަމީން ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތުއްތު އިރު މަރުވާ ކުދިންނާއި ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ އަދަދު މަދުކުރެވި، އުފަންވާއިރު ކުދިންގެ ކިބައިގައި ހުންނަ އެކި ކަހަލަ ސިކުނޑީގެ އަދި ޖިސްމާނީ މައްސަލަތައް ދެނެގަނެވި އެކަންކަމަށް އެކަށޭނެ ފަރުވާދެވޭނެ ކަމުގައި އައިޖީއެމްއެޗުން ވިދާޅުވެފައި ވެއެވެ.