ޚަބަރު

ވޯޓު ގުނާނެ އުސޫލުތަކެއް ކަނޑައެޅުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި


ކައުންސިލް އިންތިޚާބްގައި ވޯޓު ގުނާނެ އުސޫލުތަކެއް ކަނޑައެޅުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިންތިޚާބާއި ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިފަހަރުގެ އިންތިޚާބަކީ އެހެން ހުރިހާ އިންތިޚާބުތަކާއި ތަފާތު އިންތިޚާބެއްކަމަށެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓްކަރުދާހުގައި 4 ވޯޓް ހިމެނޭއިރު ބާތިލް ވޯޓާއި ސައްޚަ ވޯޓް ކަނޑައެޅުމުގައިވެސް އުސޫލުތަކެއް ކަނޑައަޅަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާގޮތުންނަމަ ބާތިލް ވޯޓެއް އޮވެއްޖެނަމަ މުޅި ވޯޓް ކަރުދާސް ބާތިލްވެއެވެ. ނަމަވެސް މިފަހަރުގެ ކައުންސިލް އިންތިޚާބުގައި 4 ވޯޓެއް އެއްކަރުދާހެއްގައި އޮތުމުން މުޅި ކަރުދާސް ބާތިލްކުރުމުގެ ބަދަލުގައި އެ ވޯޓެއް ބާތިލްކުރެވޭ ފަދަ ގޮތަކަށް އަމަލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަމަށް ގޮތްތަކެއް ކަނޑައެޅިގެން ދާނީ ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާ އާއި އެކުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން އިންތިޚާބްތަކުގައި ވޯޓް ގުނުމުގައި އާންމުކޮށްފައިވާ އުސޫލެއް މިހާތަނަށް ގެންގުޅެފައި ނުވި ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ވޯޓް ގުނާނެ ވަކި އުސޫލުތަކެއް އިލެކްޝަނުން އާންމުކުރުމަށް ހަމަޖެހިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މިގޮތުން ވޯޓްގުނާނެ އުސޫލުތަކެއް ކަނޑައެޅުމުން އިންތިޚާބްތަކުގައި ވޯޓްގުނުމުގައި ދިމާވާ މައްސަލަ މިފަހަރުގެ އިންތިޚާބުގައި ދިމާވުމުގެ ފުރުސަތު ކުޑަވާނެކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އިންތިޚާބަށް ރައްޔިތުން ހޭލުތުންރި ކުރުމުގެ މަަސައްކަތް ކުރާނެ ގޮތަކާއިމެދުވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އިލެކްޝަން ކޮމިޝަނުން ވަރަށް އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.