ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްކަމަށް ޔަޒޫ ކުރިމަތިލަނީ! ބޭނުންވަނީ އެންމެންނަށް ހަމަހަމަ ފުރުސަތެއް ހޯދައިދޭން!


އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ކުރިމަތިލާން ކުރީގެ ދުވުންތެރިޔާ އަދި މިހާރުގެ ކޯޗު ޔަޒްނީ ނަޝީދާ (ޔަޒޫ) ނިންމައިފިއެވެ.

އެތްލެޓިކްސް އެސޯސީއޭޝަންގެ އިންތިޚާބު މި އަހަރު އޮންނާނެ. އިންތިޚާބު އޮންނާނެ ތާރީޚެއް އަދި އިއުލާންކޮށްފައި ނުވިނަމަވެސް އެސޯސިއޭޝަންގެ އިސް މަގާމަށް ކުރިމަތިލާން ޔަޒްނީ މިވަނީ ނިންމާފައެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން ޔަޒޫ ބުނީ ހިންގުމުގެ ތެރެއަށް ވަންނަން ނިންމި މައިގަނޑު ސަބަބަކީ ހަމަހަމަ ފުރުސަތުތަކެއް އެތްލީޓުންނަށް ނުލިބުންކަމަށެވެ. ވަކިން ޚާއްސަކޮށް އަންހެން އެތްލީޓުންނަށް ފިރިހެން އެތްލީޓުންނެކޭ އެއްގޮތަށް ހަމަހަމަ ފުރުސަތުތަކެއް ނުލިބޭކަން ޔަޒޫ ފާހަގަކުރިއެވެ. ޔަޒޫ ބުނީ ގޭމްސްއަކަށް ނުވަތަ ބޭރު މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުން ތަމްރީން ފުރުސަތު އަބަދުވެސް ލިބެނީ ފިރިހެނ އެތްލީޓުންނަށްކަމަށާއި، އަންހެން އެތްލީޓުންނަށް ފުރުސަތު ލިބެނީ މަދު ފަހަރެއްގައިކަމަށެވެ. އަދި މީގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ލިބޭ ޓެކްނިކަލް އޮފިޝަލުންނަށް ބަލާއިރުވެސް އިންތިހާއަށް ތަފާތުކުރުން ފެންނަކަމަށް އޭނާ ބުނި. ޔަޒްނީ ބުނީ އަބަދުވެސް ފުރުސަތު ލިބޭނީ އެއްބަޔަކަށްކަމަށާއި، އައު ބަޔަކަށް ފުރުސަތު ނުލިބޭކަމަށެވެ.

"އެންމެންނަށް ހަމަހަމަ ފުރުސަތެއް ލިބެން ޖެހޭ. އޭގެ ތެރޭގައި ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުންނާއި އެތުލީޓުން ހިމެނޭ. ވަކިން ޚާއްސަކޮށް އަންހެން އެތްލީޓުންނަށް ލިބޭ ފުރުސަތުތައް ވަރަށް މަދު. މުބާރާތަކަށް ތައްޔާރުވާން އުޅޭއިރުވެސް ފިރިހެން އެތްލީޓުންދާނޭ ބޭރު ޤައުމުތަކަށް ތަމްރީންތަކަށް. އެކަމަކު އަންހެން އެތްލީޓުން މާލޭގައި ތަމްރިންވަނީ"

1994އިން ފެށިގެން 2004އަށް ޤައުމީ ޓީމަށް ދުވެފައިވާ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ބުނީ އެތްލީޓުންނަށް ފުރުސަތު ނުލިބުމުގެ އިތުރުން ކުލަބުތަކުގެ ހިންގަނީވެސް އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށެވެ. މިހާރު ގަވާއިރު އިންނަ ގޮތުން އެއްވެސް ކުލަބެއް އެކްޓިވްކޮށް ހަރަކާތްތަކެއް ހިންގަން މަޖުބޫރުކޮށްފައި ނޯންނަކަމަށާއި، މިއީ ދާއިމީކޮށް ރަނގަޅަށް ހިންގާ ކުލަބުތަކަށް ކުރެވޭ ބޭ އިންސާފެއްކަމަށެވެ.

އެކަޑެމީ ހިންގައި ދާއިމީކޮށް ދުވުންތެރިން ތަމްރީންކުރަނީ މަދު ކުލަބުތަކެއްކަމަށާއި، އެހެންނަމަވެސް މުބާރާތްތަކުގައި ވާދަކުރަން ފުރުސަތު ލިބޭ އުސޫލާއި އެހެންކަންކަމަށް ބަލާއިރު މިކަމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އިސްލާހަށް އަދި އިންސާފަށް ކޮންމެވެސް އެއްބަޔަކު އަޑު އުފުލަންޖެހިފައިވާކަމަށާއި، އެހެންމީހުންނަށް މިކަން އަންގައިދިނުމަކީ އެންމެ ބޮޑެ ބޭނުންކަމަށްވެސް ޔަޒްނީ ބުންޏެވެ.

ސްކޫލް ދައުރުގައި އެތުލެޓިކްސްގެ ތެރެއިން ފާހަގަވި ޔަޒޫ ވަނީ 1996 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ދުވެ އޮލިމްޕިއަނެއްގެ ޝަރަފް ހޯދާފައެވެ. އަދި މީގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕް، އޭޝިއަން ގޭމްސް، އޭޝިއަން ޗެމްޕިއަންޝިޕް އަދި ސާފް ގޭމްސްގައި ދުވި މަދު ދުވުންތެރިންގެ ތެރޭގައި ޔަޒްނީ ހިމެނެއެވެ. ދުވުން ހުއްޓާލުމަށް ފަހު ޔަޒޫ އައީ އޭނާގެ ފިރިމީހާ ހަންގޭރީގެ ޗަބާ ކިސް ގުޅިގެން އަންނަނީ ކީން ޔޫތު ސްޕޯޓްސް އެކަޑަމީގެ ނަމުގައި ފުޅާ ދާއިރާއެއްގައި އެކަޑަމީއެއް ހިންގަމުންނެވެ.