ވިޔަފާރި

ބީއެމްއެލްއިން ގާފަރުގައި ސެން ކްލާހެއް ތަރައްޤީކޮށްދީފި


ބީއެމްއެލްގެ "އަހަރެންގެ ކޮމިއުނިޓީ ފަންޑު"ގެ ދަށުން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ސެން ކްލާސްރޫމެއް ތަރައްޤީކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ ކޮމިއުނީޓީ ފަންޑު ޕްރޮގްރާމްގެ ދަށުން ގާފާރުގައި ސެންސަރީ ކްލާސްރޫމެއް މަރާމާތުކޮށް، މި ކްލާހަށް ބޭނުންވާ ހުރިހާ އިކިއުޕްމަންޓްސް ހޯދައިދީފައިވާކަމަށެވެ. އަދި މި ކްލާސް ރޫމް މިހާރު ބޭނުންކުރަން ފަށާފައިވާކަމަށާއި މި ކްލާސްރޫމް މެދުވެރިކޮށް ސެން ދަރުވަރުންނަށް މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލުލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ސަޢީދު ވިދާޅުވީ ގާފަރުގައި ތަރައްޤީކޮށްފައިވާ މި ކްލާސްރޫމާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމާއި ހުނަރު ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުން 5 ޕްރޮޕޯސަލެއް ހޮވުމަށްފަހު ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ޙަރަކާތް ހިންގުމަށްޓަކައި 50000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ބީއެމްއެލް އިން ވަނީ 2019 ވަނަ އަހަރުތެރޭ 20 ރަށެއްގައި އެއް މިލިއަން ރުފިޔާގެ މަޝްރޫޢު ހިންގާފައެވެ.