ކައުންސިލް އިންތިޚާބަށް އެކުލަވާލާ ޤައުމީ ކޮންޕްލެއިންސް ބިއުރޯ އަންނަ ހަފްތާގައި އެކުލަވާލައި، މިމަހުގެ 20 ވަނަ ދުވަހު ވޯޓާސް ލިސްޓް އާންމުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ކޮމިޝަނުންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކޮމިޝަނުން ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް އިންތިޚާބްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އިންތިޚާބް ބޭއްވުމަށްޓަކައި އިލެކްޝަނު މިވަގުތު އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދަނީ އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެއްސުމަށްކަމަށް އަކްރަމް ވިދާޅުވިއެވެ.
މިވަރުބޮޑު އިންތިޚާބެއް ބޭއްވޭއިރު ގިނަ އަދަދެއްގެ މުވައްޒިފުން ބޭނުންވާ ކަމަށާއި އިންތިޚާބަށް ބޭނުންވާ މުވައްޒިފުން ނެގުމުގެ މަސައްކަތް މިހާރު ކޮމިޝަނުން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިންތިޚާބުތަކަށް އެކުލަވާލަންޖެހޭ ޤައުމީ ކޮންޕްލެއިންސް ބިއުރޯ އަންނަ ހަފްތާގައި އެކުލެވިގެންދާނެކަމުގައިވެސް އަކުރަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތް ވަރަށްބާރަށް ކަނޑައަޅާފައިވާ ތަވާލާއި އެއްގޮތަށް ދަނީ ކުރެވެމުން. އިންތިޚާބަށް ބޭނުންވާ މުވައްޒިފުންނާއި، ކޮންޕްލެއިންސް ބިއުރޯ އެކުލަވާލުމުގެ މަސައްކަތްވެސް އަންނަ ހަފްތާގައި ނިމެނޭ. އިރާދަ ކުރެއްވިޔާ މިމަހުގެ 20 ވަނަ ދުވަހު ވޯޓާސް ލިސްޓު އާންމުކޮށް އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނަން." އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަކްރަމް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބަށް އިލެކްޝަން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރައްޔިތުން ހޭލުންތެރި ކުރުވުންކަމަށް އަކްރަމް ފާހަގަފަކުރެއްވިއެވެ.
އެމަސައްކަތް ކުރުމަށް މިމަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ ޕްރޮގުރާމުތަކެއް އިލެކްޝަނުން ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ އިލެކްޝަންގެ އަމާޒަކީ މިފަހަރުގެ އިންތިޚާބަކީ ދުރާލައި ރައްޔިތުން ހޭލުންތެރި ކުރެވި، ވޯޓްލުމުގައި މައްސަލަތައް އެންމެ ކުޑަ އިންތިޚާބަކަށް މިއިންތިޚާބް ހެދުންކަމަށް އަކްރަމް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި ދާއިރާތަކަށް އައިސްފައިވާ ބަދަލުތަކާއި އެބަދަލުތައް ގެނެވުނުގޮތް އިލެކްޝަނުން މިހާރު ގެންދަނީ އާއްމުކުރަމުންނެވެ. އެގޮތުން ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓގެ އިންތިޚާބުގައި އައްޑޫސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކާއި، މާލެސިޓީގެ ދަފްތަރުގައިވާ ފަރާތްތަކުގެ ލިސްޓު އިސްލާހު ކުރުމަށްފަހު އިލެކްޝަން ކޮމިޝަނުން ވަނީ އިއްޔެ އެލިސްޓް އާއްމުކޮށްފައެވެ.