އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިއްވުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި މުރާޖަޢާކުރުމަށް ފިޔަވަޅުތައްއަޅާނެކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.
މޮރިސަން މިހެން ވިދާޅުވެފައިމިވަނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިއްވަން މަސައްކަތްކުރަމުންދިޔަ އިތުރު އަލިފާން ނިއްވާ މީހަކު މި ޙާދިސާގައި މަރުވެފައިވާ ދަނޑިވަޅެއްގައެވެ. މިހާތަނަށް އަލިފާންގަނޑުތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 28އަށް އަރާފައެވެ. އަދި މި ޙާދިސާގެ ސަބަބުން އެތައް މިލިއަން ޖަނަވާރު މަރުވެފައިވާއިރު 2،000އަށްވުރެ ގިނަ ގެދޮރު ވަނީ މުޅިން ހަލާކުވެފައެވެ.
އޮސްޓްރޭލިއާގެ އޭ.ބީ.ސީ ޓެލެވިޜަންއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން މޮރިސަން ވިދާޅުވީ އަލިފާން ނިއްވުމަށް ކޮށްފައިވާ މަސައްކަތްތައް ގާތުން ބެލުމަށް ބާރުގަދަ ޖުޑީޝަރީ ކޮމިޝަނެއް އެކުލަވާލާނެކަމަށެވެ. އަދި މިކަން ޤައުމީ ފެންވަރެއްގައި ގާތުން ބަލަންޖެހޭކަމަށާ މިކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅުއްވާނެކަމަށްވެސް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މޮރިސަން ވިދާޅުވީ އަލިފާންގަނޑު ނިއްވާލުމަށް ކުރަމުންދާ މަސައްކަތްތައް މުރާޖަޢާކުރާއިރު ސްޓޭޓް ފެންވަރުގައި ކުރަމުންދާ މަސައްކަތްތައްވެސް ވަކިން ބައްލަވާނެކަމަށެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި އަލިފާންގަނޑުތައް ރޯވާއިރު 2019ވަނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ރޯވި އަލިފާންގަނޑުތަކަށް ތައްޔާރުވުމުގައި އޮސްޓްރޭލިއާގެ ސަރުކާރުން އެކަށިގެންވާ ފިޔަވަޅުތައް އަޅާފައިނުވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަން ދޮގުކުރައްވާ މޮރިސަން ވިދާޅުވީ ސަރުކާރުންވެސް ފިޔަވަޅުތައް އަޅާފައިވާކަމަށާ އެހެންނަމަވެސް މިކަމުގައި ތަފާތު ފިޔަވަޅުތައް އެޅުނުނަމަ މިހާރަށްވުރެ ބޮޑަށް ހާލަތު ކޮންޓްރޯލްކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.