ވިޔަފާރި

ރިއަލް އެސްޓޭޓް ވިޔަފާރިތަކުގެ މަޢުލޫމާތު ހޯދުމަށް އެޗްޑީސީއާއެކު އެފްއައިޔޫއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި


ހުޅުމާލޭގައި ރިއަލްއެސްޓޭޓް ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމާބެހޭ ހާއްސަ އެމްއޯޔޫއެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓްގެ ފަރާތުން ސޮއިކުރެއްވީ ހެޑް އެފް.އައި.ޔޫ ވެރިޔާ އިބްރާހިމް އަހުމަދު ނާސިރުއެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސުހައިލުއެވެ.

މިއެއްބަސްވުމުގެ ދަށުން ހުޅުމާލެއިން ބިންގަނެ އެޕާޓްމަންޓު ތަރައްޤީކުރާ ފަރާތްތަކާއި، އެތަންތަން ވިއްކާ ފަރާތްތަކާއި، އެޕާޓްމަންޓު ގަންނަ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީން އެފްއައިޔޫއާ ހިއްސާ ކުރާނެއެވެ. މިކަމުގެ ސަބަބުން ސައްހަ ނޫން ގޮތްގޮތަށް ފައިސާ ހޯދައި، އެފައިސާއިން އެޕާޓްމަންޓް ފަދަ ތަންތަން ގަންނަ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް މިއެގްރީމަންޓުގެ ސަބަބުން ފަސޭހަވާނޭކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެފް.އައި.ޔޫއަކީ ރާއްޖޭގައި މަނީ ލޯންޑަރިންގެ ކަންކަން ނުވަތަ ޤާނޫނާ ހިލާފަށް ފައިސާގެ މުޢާމަލާތެއް ހިންގާތޯ ދިރާސާކޮށް، އެކަމާބެހޭ ރިޕޯޓުތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ދަށުން ޤާއިމްކޮށްފައިވާ ޔުނިޓެކެވެ.