ޚަބަރު

ކަނޑުމަތީގެ އެކްސިޑެންޓެއްގައި މީގެ 11 އަހަރު ކުރިން މަރުވި ބައެއްގެ މަރުގެ ދިޔަ ދައްކަން ހުކުމްކޮށްފި


މީގެ 11 އަހަރު ކުރިން ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މަރުވި މީހެއްގެ މަރުގެ ދިޔަ ދިނުމަށް ދެ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަރުގެ ދިޔަ ދައްކަން ޖެހިފައިވަނީ އދ.ދިގުރަށް، އިރުމަތީގެ، މުޙައްމަދު ޤާސިމްއާއި، ހދ. ހިރިމަރަދޫ، ނޫރީގެ، މުޙައްމަދު ޢަބްދުﷲއަށެވެ. އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ އުފުލީ 19 ޖެނުއަރީ 2008 ދުވަހުގެރޭ 23:30 އެހާއިރު، ހުޅުމާލެއަށް ދިޔަ ދޯންޏަކާ ހުޅުމާލެ ފަޅުތެރެއިން ނިކުމެގެންދިޔަ ޑިންގީއަކާއި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެމީހަކު މަރުވުމާއި ގުޅިގެންނެވެ

މި އެކްސިޑެންޓް ހިނގާފައި ވަނީ މުޙައްމަދު ޢަބްދުﷲ، "އިރުވައި" ދޯނީގައި ހުޅުމާލެ ފަޅުތެރެއިންލާފައި ބާރު ސްޕީޑުގައި ހުޅުލެ އާއި ދިމާލަށް ދަތުރުކޮށްފައި ދަނިކޮށް، މުޙައްމަދު ޤާސިމް ދުއްވަން އިން ޑިންގީގައި ޖެހިގެންނެވެ. މި އެކްސިންޑެޓްގައި ޑިންގީގައި ތިބި ތިން މީހުން މޫދަށް ވެއްޓި، އޭގެ ތެރެއިން ހދ.ނާވައިދޫ ކުރި ޢަބްދުﷲ ޒިޔާދު އާއި، އދ. ދިގުރަށް، ތާޓީރޯސް، ޢަބްދުﷲ އާދަމް ވަނީ މަރުވެފައި އެވެ.

މި މައްސަލައިގައި ދައުލަތުން އުފުލި ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މިހާދިސާ މިގޮތަށް ހިނގުމުގައި ދަޢުވާލިބޭ ދެމީހުންގެ އިހުމާލު އޮތްކަން މުޙައްމަދު ޤާސިމްގެ އިޢްތިރާފުންނާއި، މުޙައްމަދު ޢަބްދުﷲގެ ބަހުންނާއި، ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ މި ޚާދިސާގައި ނިޔާވެފައިވާ ހދ.ހަނިމާދޫ، ކުރި، ޢަބްދުﷲ ޒިޔާދުގެ މަރުގެ ދިޔަ ނަގަން ބޭނުންވާ ކަމަށް، އޭނާގެ ވާރިސަކަށްހުރި، އޭނާގެ މަންމަ ކަމުގައިވާ ހދ.ހަނިމާދޫ ދިވެލި، ސަފީނަތު އިދުރީސް ބުނެފައިވާތީ، ސަފީނަތު އިދުރީސްއަށް މަރުގެ ދިޔަ ލިބިދިނުމުގެ ގޮތުން، ދަޢުވާލިބޭ މުޙައްމަދު ޤާސިމްއާއި، މުޙައްމަދު ޢަބްދުﷲ އާއި ދެމީހުންކުރެ ކޮންމެ މީހަކު، 60,666.50 ރ (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް ލާރި) ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމުގެ އިތުރުން މުޙައްމަދު ޤާސިމްއާއި، މުޙައްމަދު ޢަބްދުﷲ ކުށުގެ ކައްފާރައިގެ ގޮތުގައި ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށްވެސް ކުރިމިނަލްކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.