ކުޅިވަރު

ރަނގަޅަށް ނުކުޅެވުނަސް މޮޅުވުމުން ހިތްހަމަޖެހޭ: މޯހަން


ޓީސީ މެޗުގައި ރަނގަޅަށް ނުކުޅެވުނަސް މޮޅުވުމުން ހިތްހަމަޖެހޭކަމަށް ކުލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސްއާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-3 އިން ކާމިޔާބުކުރީ އީގަލްސްއެވެ. މި މެޗުގައި އީގަލްސްގެ ލަނޑުތައް ޖަހައިދިނީ، އަޙުމަދު ރިޒުވާން އަދި ޢަލީ ފާސިރުގެ އިތުރުން ފޯކައިދޫން ލޯން އެއްބަސްވުމެއްގެ ދަށުން އީގަލްސްއާ ގުޅުނު ހަސަން ނަޒީމްއެވެ. މި ލަނޑަކީ ހަސަން ނަޒީމް އީގަލްސްއަށް ޖަހައިދިން ފުރަތަމަ ލަނޑެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި އެކަމަކު ކުޅުމަށް ބަލާއިރު ފެނުނީ އެންމެ ހިތްހަމަޖެހޭ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ޓީސީގެ އެއް ކުޅުންތެރިޔަކު މަދުވުމާއިއެކު އީގަލްސްގެ ކުޅުންތެރިންނަށް ތިބެވުނީ ފަސޭހަކޮށްލައިގެން ކަމަށް އޭނާ ބުންޏެވެ. މޯހަން ބުނީ ލީގުގެ ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައިވެސް ނުކުންނަން ޖެހެނީ ޓީސީއާއި ދެކޮޅަށް ކަމަށާއި، މި މެޗަށް ވުރެއް އެ މެޗު ކާމިޔާބުކުރުން މާ މުހިއްމު ކަމަށް މޯހަން ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ އެންމެ ބޮޑަށް ޓީމަށް އުނދަގޫވީ މެޗުގެ ކުރީކޮޅުގައި މުހައްމަދު ސާދުއަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުން ކަމަށެވެ. އަދި މެޗަށް ނުކުތީ މޮޅެއް ހޯދުމަށް ކަމަށާއި އެކަން ހާސިލްނުވީ އީގަލްސްގެއިން މޮޅަށް ކުޅެގެންކަމަށް ޝާޒްލީ ބުންޏެވެ. ޝާޒްލީ ބުނީ އެކަކު މަދުކޮށް ކުޅޭއިރު އީގަލްސް ކަހަލަ ރަނގަޅު ފޯވާޑް ލައިނެއް އޮތް ޓީމެއް ހިފަހައްޓަން އުނދަގޫވާނެކަމަށެވެ.

ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ފޯކައިދޫއެވެ. އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވާދަކުރާނެއެވެ.