ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން ފައިސާއާއި ވަރކްޕާމިޓް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކީ ޕޮލިސް ލާންސް ކޯޕްރަލްއެއްގެ މަޤާމު އަދާކުރަމުންދާ މީހެއް ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އެމީހާ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަޙްޤީގުކުރަމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މިމައްސަލައިގައި ފުލުހުން އިއްޔެ ހައްޔަރުކުރި ދެވަނަ މީހަކީ ބަންގްލަދޭޝްގެ އުމުރުން 28 އަހަރުގެ، ފިރިހެނެކެވެ. އޭނާއަކީ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހެއްކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މިމައްސަލައިގެ ޖީނާޢީ ތަޙްޤީގެއް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް
ހައްޔަރުކުރި ދެމީހުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުޠުތަކެއް ކުރުމަށްފަހުވަނީ ބަންދުން ދޫކޮށްލާފައެވެ.