ޚަބަރު

އެމްއާރުއައިގެ 2 ޑޯޒް ފުރިހަމަކޮށްފައިވާނަމަ ހިމަބިހި ޖެހުމަކީ ނާދިރުކަމެއް - އެޗްޕީއޭ


ވެކްސިންގެތެރޭގައި ހިމެނޭ އެމް.އާރް.އައި ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާނަމަ ހިމަބިހި ނުވަތަ މީސްލްސް ބަލި ޖެހުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރައްވައިފިއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ޤަވާޢިދުން ވެކްސިންޖެހުމަށް އިސްކަންދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކުގެ ލިސްޓަށް 2017 ވަނަ އަހަރު އަރާފައިވާ ހިމަބިހި ބަލީގެ ކޭސްއެއް އޭގެ 3 އަހަރުފަހުން ރާއްޖެއިން މިވަނީ ފެނިފައެވެ. ބަލި ފެނުމުގެ ސަބަބުން ގިނަބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިމަބިހި ނުވަތަ މީސްލްސްއަކީ ވައިރަސްއެކެވެ. މިވައިރަސްގެ ނުރައްކާ ބޮޑުވަނީ މިއީ ވައިގެ ޒަރީޔާއިން ނޭވާލާ ނިޒާމުގެ ތެރެއަށް ގޮސްޖެހޭ ބައްޔަކަށްވުމުންނެވެ. އެގޮތުން ބަލި ހުރި މީހަކު ކެއްސާ ކިނބިހި އަޅާނަމަ މިބަލީގެ ވައިރަސް އޭގެ 2 ގަޑިއިރު ވަންދެން އެތަނުގައި ދައުރުވެއެވެ. އެހެންކަމުން ވެކްސިން ނުޖަހާ ނުވަތަ ވެކްސިންގެ 2 ޑޯޒް ފުރިހަމަނުވާ ކޮންމެ މީހަކު އެވަގުތުގެ ތެރޭގައި މިބައްޔަށް ހުށައެޅެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ. ޑރ. ނަޒްލާ މުސްޠަފާ ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމަށް ކުރެވޭނެ ހަމައެކަނި ކަމަކީ ވެކްސިން ޑޯޒްތައް ބަރާބަރަށް ހަމަކުރުންކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ހިމަބިހި ބަލި ހުންނަ ކުއްޖެއްގެ ގައިން އެހެން މީހުންނަށް މިބަލި ފެތުރުމުގެ ފުރުސަތު އޮންނަނީ އެކުއްޖާގެ ގައިގައި ބަލީގެ ސަބަބުން ނަގާ ފިއްގަނޑުތައް ނެގުމުގެ 4 ދުވަސްކުރިންނާއި ފިއްގަނޑުތައް ނަގަން ފެށުމުގެ 4 ދުވަސް ފަހުންކަމަށެވެ. އެހެންކަމުން އެދުވަސްތަކުގައި އެކުއްޖާ އުޅޭ ތަންތަނާއި ދިމާވާ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިނުވާ މީހުންކަމަށްވާނަމަ މިމީހުންނަކީ މިބައްޔަށް ހުށައެޅިފައިވާ މީހުންނެވެ.

ހިމަބިހި ނުވަތަ އެހެންވެސް ވައިރަސްތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ޖަހާ ވެކްސިން ނުދެވޭ ނުވަތަ ވެކްސިންއަށް ނުގުޑާ ކުދިން ކޮންމެ މުޖުތަމަޢެއްގައިވެސް އުޅެއެވެ. އެކުދިންނަކީ ދިފާޢީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ވެކްސިންއަށް ނުގުޑުން ނުވަތަ އެކުއްޖެއްގެ ގައިގައި ހުރި ބައްޔެއްގެ ސަބަބުން ނުވަތަ ވެކްސިންއަށް އެލަރޖިކް ވުމުގެ ސަބަބުން ވެކްސިން ނުދެވޭ ކުދިންނެވެ. މިފަދަ ޙާލަތުގައި ތިބޭ ކުދިންގެ ރައްކާތެރިކަމަށްޓަކާ އެކުދިންގެ ވަށައިގެން ތިބޭ މީހުންނާއި އެކުދިން އުޅޭ މާޙައުލެއްގައި ތިބޭ އެންމެންނަކީ ވެކްސިންއިން ރައްކާތެރިކަން ކަށަވަރުކޮށްފައި ތިބި މީހުންނަށް ވާންޖެހެއެވެ.

ހިމަބިހީގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ބަންދުކުރާ ހިސާބަށް އަދި ނުދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެއެޖެންސީން ވިދާޅުވީ ހުންއައިސް ކެއްސާނަމަ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ގޭގައި ކުއްޖާގެ އުމުރާއި ބަރުދަނާއި ގުޅޭގޮތަށް ޕެރަސެޓަމޯލް ދިނުމަށް ޑޮކްޓަރުން އިރުޝާދުދެއްވާ ކަމަށެވެ. މިގޮތަށް އިރުޝާދުދެއްވަނީ ވީހާވެސް ބޮޑަށް މީހުން އެއްވެ އުޅޭތަންތަނަށް ކުއްޖާ ނުނެރުމުގެ ގޮތުންނެވެ. ރާއްޖެއިން ހިމަބިހި ބަލި ނައްތާލެވިފައިވާތީ އެކަން އެގޮތުގައި ދެމެހެއްޓުމަށް އެޗްޕީއޭއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ހިމަބިހި އަލުން ފެނުމުގެ ސަބަބުން މިކަމަށްޓަކާ ޚާއްސަ ކެމްޕޭނެއް ފެށުމަށް އެޗްޕީއޭއިން އަންނަނީ ތައްޔާރުވަމުންނެވެ.