ޚަބަރު

ރަށްވެހި ތަރައްޤީގެ އައު ރަން ޒަމާނަކަށް ރިނބުދޫ ފައްކާވަނީ


ސުނާމީ ކާރިސާއަށް ފަހު ދ ރިނބުދޫގެ އެތައް ރައްޔިތުންނެއް ރަށްދޫކޮށް ހިޖުރަ ކުރުމާއި އެކު ރަށުގައި ބާކީ ތިބި މީހުންނަށް ކުރަން ޖެހުނީ ވަރަށް ހިތި ހިތްދަތި ތަޖުރިބާތަކެކެވެ. އޭރު ގިނަ ބަޔަކު ދުށީ ރިނބުދޫއަކީ މުސްތަޤުބަލެއް އުއްމީދެއްނެތް މަރުވަމުންދާ ރަށެއްގެ ގޮތުގައެވެ. އުމުރާނީ އަދި ރަށްވެހި ތަރައްޤީގައި ދ ރިނބުދޫ އެތައް އަހަރެއް ފަހަތަށް ސޮއްސާލިއެވެ. މިއަދުވެސް ރިނބުދޫ އޮތީ އޭރު އެ ވެއްޓުނު އަޑިގަނޑުން އަރައިނުގަނެވިއެވެ. ޚާއްސަކޮށް ގޯތި ގެދޮރާއި، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރަށްވެހިކަމުގެ މައްސަލަތަކަށް ހައްލެއް ނުލިބި ދިގު ދެމިގެން ދިޔުމުންނެވެ.

ދ ރިނބުދޫއަށް އަލުން ދިރުން ގެނައުމަށް 2011 ވަނަ އަހަރު ކައުންސިލްތައް އުފެދުނީއްސުރެ ރިނބުދޫ ކައުންސިލުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިއަދު ރިނބުދޫގެ މަގުތަކުން އެފެންނަ ހިތްދަމައިގަންނަ ކުރެހުންތަކަކީ އޭރު ދުށް ހުވަފެންތަކުގެ ތަޢުބީރެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވީ، ކައުންސިލަށް ވަޑައިގެން ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތަކީ، ރިނބުދޫއަކީ ފަޅުރަށެއް ނޫންކަން ދައުލަތުގެ މުއައްސަސާތަކަށާއި މުޅި ރާއްޖޭގެ ރަށްޔިތުންނަށް ބުނެދިނުން ކަމަށެވެ. މިގޮތުން ރަށްވެހި ތަރައްޤީ އާއި، ލޯކަލް ޓޫރިޒަމާއި، ސަޤާފީ ޓޫރިޒަމްގެ ހުވަފެންތައް ހަޤީޤަތަކަށް ހަދަން ކައުންސިލުން ނުކުތެވެ. އެކަމަކު އޭރު އެކަމަށް އެހީތެރިވާނެ ބަޔަކު ނުވިއެވެ.

"އަޅުގަނޑުމެން ބޭނުންވީ ރިނބުދޫއަކީ އޮތްތަނެއްކަން ދައްކާލަން. އަޅުގަނޑުމެންނަށް މިއައި އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީ ކުޑަވުމުން އައި ގޮންޖެހުން. ސަރުކާރުގެ ތަރައްޤީޤެ މަޝްރޫއުތަކުގެ ތެރޭގައި ލައްވާނުލައި ދާ ސަބަބަކަށް ވަނީ، މިދެންނެވި ގޮތަށް އާބާދީ ކުޑަވުމުން މިއަންނަ ގެއްލުން. ދެން އަޅުގަނޑުމެންގެ މުޅި ޕްލޭން ފޯކަސް ކުރީ، އާބާދީ ކުޑަވީމާ ނެގޭނެ ފައިދާތައް އެކަމުން ނަގަން." ހާތިމް ވިދާޅުވިއެވެ.

ހާތިމް ވިދާޅުވީ، އާބާދީ ކުޑަވުމަކީ ގެއްލުމެއް ކަމުގައި ނުބަލައި އެއީ ފައިދާއެއް ކަމުގައި ބަލައިގެން، ކުޑަ އާބާދީއެއްގައި ކުރެވޭނެ ކަންކަން ބަލައި ޕްލޭންތައް ހަދައި ކަލްޗަރަލް ޓުއަރިޒަމަށް ރަށް ޚާއްސަކުރުމުގެ މަސައްކަތް 2011 ވަނަ އަހަރުން ފެށިގެން އައީ ކުރަމުން ކަމަށެވެ. އަދި ރިނބުދޫއަކީ ޘަޤާފީ ޓުއަރިޒަމަށް ފަހި މާހައުލެއް އޮތް ތަނެއް ކަމުގައި ހާތިމް ވިދާޅުވިއެވެ.

ހާތިމް ވިދާޅުވީ، އެރަށުގައި ކަލްޗަރަލް ޓުއަރިޒަމް ފުޅާކުރުމަށް، މަގުތައް ފަހިވެގެން މިއަންނަނީ ޓުއަރިޒަމް މިނިސްޓްރީ އާއި، ރިނބުދޫގެ ކައިރީގައިވާ ރިޒޯޓުތަކުން ލިބެމުން އަންނަ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މިއަދު ރިނބުދޫގެ މަގުތަކުން ފެންނަ ވޯލް މިއުރަލް ކުރެހުންތަކުގެ މަސައްކަތް ފެށުނީ 2019 ވަނަ އަހަރު އޮތް ޓުއަރިޒަމް ކޮންފަރެންސްގެ ތެރެއިން، މޯލްޑިވުސް އާޓިސްޓްސް ކޮމިއުނިޓީގެ މެމްބަރުންނާއި ބައްދަލުވެ ކުރެވުނު މަޝްވަރާ ތަކުންނެވެ.

މިގޮތުން ސިލްސިލާ ކަލްޗަރަލް އިވެންޓްތަކެއް ބޭއްވުމަށް ނިންމައި، ހުސްވި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު، ދ ދޫރެސްގައި ހިންގާ އާވީ ނޭޗަރ ޕެރަޑައިސްގައި ރަށްވެހި ދިރިއުޅުމާއި އާދަކާދަ އާއި ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްވެސް ވަނީ ހިންގާފައެވެ.

ރިނބުދޫއަކީ ތިލޭރުން ގިނަ، އަދި ރަންރިހިން ގަހަނާ ހެދުމުގެ މަސައްކަތަށް މަޝްހޫރު ރަށަކަށް ވުމާއި އެކު، ޘަޤާފީ ފަތުރުވެރިކަމާއި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް އެއީ އެރަށަށް އޮތް ވަސީލަތެއްގެ ގޮތުގައި ކައުންސިލުން ދެކެއެވެ.

އަދި ރިނބުދޫގައި ކުރަހަމުންދާ ކުރެހުން ތަކުގައިވެސް ރިނބުދޫގެ ޝަރަފާއި ފަޚުރެއް ކަމުގައިވާ އެމަސައްކަތް ދައްކުވައިދީފައިވެއެވެ.

ކައުންސިލްގެ ރައީސް ހާތިމް ވިދާޅުވީ، ރަށުގެ މައި މަގުގެ 10 ގެއެއްގައި ކުރެހުމަށް އަމާޒު ހިފައިގެން ފެށި އެމަސައްކަތަށް މުޅި ރާއްޖޭގެ ސަމާލުކަންވެސް ލިބެމުން އަންނައިރު، ރަށުގެ ރައްޔިތުންވެސް އިތުރު ގޭގޭގައި ކުރެހުމަށް އެދެމުންދާ ކަމަށެވެ.

ހާތިމް ވިދާޅުވީ، ވޯލް މިއުރަލްތައް ހެދުމުގެ އިތުރުން އެމަގު ތަރައްޤީ ކުރާނީ، ކަލްޗަރަލް ހައިވޭއެއްގެ ގޮތުގައި ކަމަށެވެ. މިގޮތުން ރަށުގެ ގެސްޓް ހައުސްތަކުގައި ތިބޭ ފަތުރުވެރިންނަށާއި، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް، ރިނބުދޫގެ ތާރީޚާއި އާދަކާދަ އާއި ސަޤާފަތާއި، ކެއިން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ފެނިގެންދާނޭ ގޮތަށް ސްޓޯލްތައް ހެދިގެން ދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ހާތިމް ވިދާޅުވީ، ރިނބުދޫ ކައުންސިލްގެ މިހުވަފެން ހަޤީޤަތަކަށް ހަދައި ދިނުމުގައި މޯލްޑިވުސް އާޓިސްޓްސް ކޮމިއުނިޓީން ކޮށްދެމުންދަނީ ވަރަށް ބޮޑު މަސައްކަތެއްް ކަމަށެވެ. މިގޮތުން ރިނބުދޫގެ ވެއްޓާއި ތާރީޚާއި އާދަކާދަ އާއި މަސައްކަތްތެރިކަމާއި، ފޯކްލޯރ ތަކުގެ މައްޗަށް ވޯލް މިއުރަލްތައް ހެދުމުގެ ރެޔާ ދުވާލު ކުރާ ބުރަ މަސައްކަތަށް ރިނބުދޫ ކައުންސިލާއި ރައްޔިތުން ޝުކުރުވެރިވާ ކަމަށެވެ.

ދ ރިނބުދޫގައި ހުރި ވޯލް މިއުރަލްތަކަށް ބޮޑު ސަމާލުކަމެއް ލިބިފައި ވާއިރު، ކުރިން އުއްމީދެއް ކުރިމަގެއް ނެތް ރަށެއް ކަމަށް ކުރިން ދުށް ރިނބުދޫ މިއަދު އަންނަނީ ދިރެމުންނެވެ. ލޯކަލް ފަތުރުވެރިކަމުގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނައިރު، ވަށައިގެން ހުރި އެތައް ރިޒޯޓަކުންވެސް އެރަށަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

މިގޮތުން މިހާރުވެސް ކުރެހުންތަކުގެ ކައިރީ ފޮޓޯ ނެގުމަށާއި، މަސައްކަތުގައި ބައިވެރިވެލުމަށާއި، ރިނބުދޫގެ ރަށްވެހި ދިރިއުޅުން ދެކިލުމަށް ދުވާލެއްގެ މައްޗަށް އެތައް ރައްޔިތުންނެއް އަންނަނީ ޒިޔާރަތް ކުރަމުންނެވެ.

ރީތި ހުދު ހިމުން ދޮންވެލި ގޮނޑުދޮށާއި، އާބާދީ މަދު ސުލުހަ މަސަލަސް ހިމޭން ޖައްވަކާއި އެކު، ފަތުރުވެރިކަމުގެ ސިނާއަތް ދިރި، ރަށްވެހި ތަރައްޤީޤެ މުޅިން އައު ރަންޒަމާނަކަށް ރިނބުދޫ ފައްކާވަމުން އަންނައިރު، ރަށުގެ ބިމަށް އޮތް ޑިމާންޑްވެސް ދަނީ ބޮޑުވަމުންނެވެ.