ވިޔަފާރި

އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތަކަށް ޚާއްސަ ފިހާރައެއް ހުޅުވައިފި


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތަކަށް ޚާއްސަ ފިހާރައެއް ހުޅުވައިފިއެވެ.

"އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި އެއަރޕޯޓުގައި ހުޅުވި މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް އެވެ.

މިއީ ދިވެހި އުފެއްދުންތައް ކުރިއަރުވައި މި އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ވަކިން ޚާއްސަކޮށް އުވެމުންދާ ޘަޤާފީ އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ ދިވެހި ބްރޭންޑްތައް މާކެޓްކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ސިޔާސަތުގެތެރޭގައި ހިމެނައިގެން، އިކޮނިމިކް މިނިސްޓަރުގެ ސީދާ ބެއްލެވުމުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުވާފައިވާ ފިހާރައެކެވެ.

މި ފިހާރައިގައި މިހާރު ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ ބައެއް ބްރޭންޑްތަކުގެ އުފެއްދުންތަކާއި ބައެއް އަމިއްލަ ފަރާތްތަކުގެ އުފެއްދުންތައް ހުރެއެވެ. އެގޮތުން ޒީނަތްތެރިވުމަށް ބޭނުންކުރާ ގަހަނާ، ކީ ޗެއިންސް، ދަބަސް، ހެދުން ފަދަ ތަކެތި މިފިހާރައިގައި ހުރެއެވެ. މީގެ އިތުރުން ރާއްޖޭގެ ޘަޤާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ކުރެހުންތަކާއި ލިޔެލާޖެހި ޓުކުރިތަކާއި ޘަޤާފީ އެކި ކަންކަން ދައްކުވައިދޭ ތަފާތު އުފެއްދުންތައް މި ފިހާރާގައި ލިބެންހުރެއެވެ..

އަދި އަމިއްލަ ފަރާތްތަކުން އެކި ރަހަތައް ހިމެނޭގޮތަށް ހަދާފައިވާ ޗޮކްލެޓާއި ތަފާތު ޕެކޭޖިންގއެއްގައި ހަދާފައިވާ އައްޑޫ ބޮނޑި އަދި ހުއިފިލަނޑާގެ ބާވަތްތަކާއި މަސް މިރުހުގެ ބާވަތްތައްވެސް މި ފިހާރާއިން ގަންނަން ލިބޭނެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ލީނާ އަބްދުލް ޖަމީލް ވިދާޅުވީ މި ފިހާރަ މެދުވެރިކޮށް މިދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ވަރަށް ބޮޑެތި ކުރިއެރުން ލިބޭނެކަމަށެވެ. އަދި މިއީ ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރުދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް ލީނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ އަތްތެރި މަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ޤާއިމުކުރުމުގެ ގޮތުން ހުޅުވާލި ފުރުޞަތެއްކަމަށެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތަކަށް އެކަށީގެންވާ ނަފާއެއް ހޯދައިދިނުމަކީ ސަރުކާރުން މުހިއްމު އިސްކަމެއްދީގެން ކުރިއަށްގެންދާ ކަމެކެވެ.