ޚަބަރު

ޖޭޕީގެ ޕްރައިމަރީގައި ވާދަކުރަން ފުރުޞާތު ހުޅުވާލައިފި


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބާއްވަންޖެހޭގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދު އިޞްލާހުކޮށް އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓިގެ ކައުންސިލް މެންބަރު އަދި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ޝަހުދީ ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެޕާޓީން ވާދަކުރާނެ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ދާއިރާއަކަށްވެސް ވާދަކުރާނެކަން ފާހަގަކުރައްވައި ޝަހުދީ ވިދާޅުވީ އެޕާޓިގެ ޓިކެޓަށް އެދި ހުށައެޅުމަށް އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ފުރުޞަތު ހުޅުވާލާފައި ވާކަމަށެވެ.

ޝަހުދީ ވިދާޅުވީ، އިންތިޚާބުގެ ދާއިރާތަކަށް ގިނަ ފަރާތްތަކަކުން ކުރިމަތިލައިފި ނަމަ ކައުންސިލުން ކަނޑައަޅާ އުޞޫލުގެ މަތިން ޕްރައިމަރީ ބާއްވާގޮތަށް އެޕާޓިގެ އަސާސީ ޤަވާއިދު އިޞްލާޙުކޮށްފައިވާކަމަށެވެ. ޝަހުދީ މިހެން ވިދާޅުވިއިރު މީގެ ކުރިން އެއްވެސް އިންތިޚާބަކަށް ވާދަކުރަން އެޕާޓިގެ އެތެރޭގައި ޕްރައިމަރީއެއް ނުބާއްވައެވެ.

އިންތިޚާބުތަކުގައި ޓިކެޓް ދެމުން އައީ ޕާޓީގެ ކައުންސިލުން ނިންމާ ފަރާތްތަކަށެވެ. ޝަހުދީ ވިދާޅުވީ، އަސާސީ ޤަވާއިދަށް ގެނައި އިޞްލާހާއެކު ރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބެއްގައިވެސް އެޕާޓީގެ ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

"ޕްރައިމަީ ބާއްވަންޖެހޭ ދާއިރާތައް ކައުންސިލުން ކަނޑައަޅާނެ. އަދި އެ ދާއިރާތަކުގައި އެ ރަށްތަކުގަ އެ ސިޓީތަކުގައި ޕްރައިމަރީ ބާއްވަންޖެހޭ ތާރީޚަކީ 12 ފެބުރުއަރީ 2020 ކަމަށް ކައުންސިލުން ވަނީ ނިންމާފައި." ޝަހުދީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓިގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށައަޅަންޖެހޭނީ 10 މެންބަރުންގެ މެންބަރޝިޕް ފޯމާއި އެކުކަމަށްވެސް ޖުމްހޫރީ ޕާޓިން މަޢުލޫމާތު ދެއެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާކަށް ވާދަކުރާނެކަން ޖުމްހޫރީ ޕާޓިން އިޢުލާނު ކުރިއިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އިން ވެސް ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަން ހާމަކޮށްފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވަނީ އިންތިޚާބުގައި ވާދަކުރަން އެޕާޓީގެ ޓިކެޓަށް އެދި ހުށައެޅުމަށް ހުޅުވާލާފައެވެ.