ޚަބަރު

ރިނބުދޫ ކައުންސިލަރުން، ރަށުގެ ތަރައްޤީ އާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ އާއި މަޝްވަރާކުރައްވައިފި


ދ. ރިނބުދޫގައި ހިންގެމުންދާ ތަރައްޤީޤެ މަޝްރޫއުތަކާއި އަދި ރަށު ކައުންސިލުން ރާވައި ހިންގަމުންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން ރިނބުދޫ ކައުންސިލްގެ މެމްބަރުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލަރުންނާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުން އޮތީ، ބުރާސްފަތި ދުވަހުގެ މެންދުރު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރިނބުދޫގެ އިޖްތިމާޢީ އަދި އުމްރާނީ ތަރައްޤީއަށް ރާވާފައިވާ، އަދި މިހާރު ހިންގަމުން ގެންދާ މަޝްރޫޢުތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރިނބުދޫ ކައުންސިލަރުން ވަނީ، ރިނބުދޫގައި ކުރިއަށްދާ ބަނދަރު ހެދުމުގެ މަޝްރޫޢާއި، މި އަހަރު ހިންގުމަށް ރާވާ ބަޖެޓުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ރައީސާއި ހިއްސާކުރައްވައި، މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި، ބަނދަރު ފަރުމާކޮށްފައިވާ ގޮތުން ކުރިމަތިވާ ބައެއް ދަތިތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވައި، އެކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައި ވެއެވެ.

މީގެ އިތުރުން، އެ ރަށުގެ ކުނިކޮށީގެ މަސައްކަތް ނިމިފައި ވީ ނަމަވެސް، ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ހުރި ހުރަސްތަކުގެ މަޢުލޫމާތުވެސް ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި، ރިނބުދޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކައުންސިލުން ރާވާފައިވާ ޕްލޭނާއި ބެހޭ މަޢުލޫމާތު ޙިއްޞާ ކުރައްވާ، ކައުންސިލަރުންވަނީ އެ ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ދާއިރާތަކާއިމެދު ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުންވެސް، ރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ތެރެއިން ގޯތި ދޫކުރުމާއި، ގިރާ ސަރަހައްދު ޙިމާޔަތް ކުރުމަށް ހުރި ގޮންޖެހުންތަކާއިބެހޭ މަޢުލޫމާތުވެސް ކައުންސިލް މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރައްވާފައެވެ.

އަދި އެރަށުގެ ކައުންސިލުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ އިޖްތިމާޢީ ބައެއް މަސައްކަތްތަކުގެ ތެރެއިން، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް "މަރިޔަންމާ" ކެމްޕެއިންގެ ނަމުގައި ޚާޢްޞަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި އެކަމުގެ މައުލޫމާތުވެސް ރައީސުލްޖުމުހޫރިއްޔާ އާއި ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫގައި ކުރިއަށްގެންދަވާ މަޝްރޫޢުތަކާއި، ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ވަކިވަކީން އަލިއަޅުއްވައިލައްވައި އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވަން ކުރެއްވެން ހުރި މަސައްކަތްތައް ސަރުކާރުގެ އިދާރާތަކާއި ގުޅިވަޑައިގެން ކުރައްވާނެކަމުގައި ވިދާޅުވިއެވެ.