ޖެނެރަލް ޤާސިމް ސުލައިމާނީގެ މަރަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ޙަމަލާދިން އެމެރިކާގެ ދެ މަރުކަޒުގެ ތެރެއިން އަލްއަންބާރުގައިވާ އައިނުލްއަސަދު ވައިގެ މަރުކަޒަކީ ޢިރާޤުގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ޢިރާޤަށް ކުރެއްވި ކުއްލި ދަތުރުގައި ވަޑައިގެންނެވި މަރުކަޒެވެ. އީރާނުގެ ހަމަލާތައް އަމާޒުވި އެމެރިކާގެ ދެވަނަ މަރުކަޒަކީ ޢިރާޤުގެ ކުރުދިސްތާނުގެ އިރްބީލްގައިވާ ހަރީރު ވައިގެ މަރުކަޒެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ސީދާ ގޮތެއްގައި އެހެން ޤައުމެއްގެ އަސްކަރިއްޔާއަކުން ދިން ފުރަތަމަ ޙަމަލާއެވެ.
އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންދިން ދިން ޙަމަލާތައް އަސްކަރީ މަރުކަޒުތަކަށް އަރާފައިވާކަމަށް އެމެރިކާއިންވަނީ ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ ދިފާއީ ވުޒާރާކަމަށްވާ ޕެންޓަގަނުން ބުނެފައިވަނީ ލިބުނު ގެއްލުންތައް ބަލަމުންދާކަމަށެވެ. ނަމަވެސް، ޙަމަލާދިންތާ އެތައް ގަޑިއިރެއް ފާއިތުވެގެންދިޔައިރުވެސް ލިބުނު ގެއްލުންތަކުގެ ތަފްޞީލެއް ނުބުނެއެވެ، މިހާތަނަށް އެމެރިކާއާއި ޢިރާޤުގެ މަސްދަރުތަކުން ބުނެފައިވަނީ އެއްވެސް ސިފައިންގެ މީހަކު މަރުނުވާކަމަށެވެ. ޙަމަލާތައް އަމާޒުވި މަރުކަޒުތަކުގައި އެހެން ޤައުމުތަކަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ސިފައިންވެސް ތިއްބެވެ. އެޤައުމުތަކުންވެސް ބުނަމުންދަނީ އެއްވެސް ސިފައިންގެ މީހެއް މަރުނުވާކަމަށެވެ. ވީމާ، މިޙަމަލާތަކުގައި ލިބުނު ގެއްލުންތައް ދެނެގަތުމަށް އުނދަގުލެވެ. މިޙަމަލާތައް ދިން އީރާނުގެ އިންޤިލާބީ ފައުޖުތަކުން ބުނީ އެމެރިކާގެ 80 ސިފައިން މަރުވެ، 200 މީހުން ޒަޚަމްވިކަމަށެވެ. ނަމަވެސް، މިކަން ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
އީރާނުގެ މިސައިލްތައް އަމާޒަށް ވާޞިލްވުމުގެ ކުރިން ވައްޓާލުމުގައި އެމެރިކާގެ ބާރުގަދަ އަސްކަރިއްޔާ ނާކާމިޔާބުވެފައިވާތީ އެކަމާމެދުވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ ކުރިއަރާފައިވާ އަސްކަރީ ބާރުކަމަށްވާ އެމެރިކާގެ މަރުކަޒަކަށް ސީދާގޮތެއްގައި ޙަމަލާ ދޭން ޤައުމަކަށް ކެރުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީ ސްޓްރެޓީޖިކް ގޮތުން އީރާނަށް ލިބުނު ކާމިޔާބެކެވެ.
ކުރިން ހީކުރެވިފައިއޮތީ އީރާނުން ޖެނެރަލް ޤާސިމް ސުލައިމާނީ މަރަށް ބަދަލުހިފާނީ މެދުއިރުމަތީގައިވާ އީރާނުގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރި ޖަމާޢަތްތައް ބޭނުންކޮށްގެންކަމަށެވެ. ނަމަވެސް އީރާނުން ބަދަލުހިފާފައިވަނީ ސީދާގޮތެއްގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ބެލިސްޓިލް މިސައިލުން ޙަމަލާތަކެއް ދީގެންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އީރާނުން ރައްދު ޙަމަލާއެއް ދީފިނަމަ އީރާނުގެ 52 އަމާޒަކަށް ވަގުތުން ޙަމަލާތައްދޭނެކަމަށާއި އޭގެ ތެރޭގައި އީރާނުގެ ސަޤާފީ މަރުކަޒުތައްވެސް ހިމެނޭނެކަމަށް ވިދާޅުވެ މީގެ ކުރިން އިންޒާރު ދެއްވާފައެވެ. ނަމަވެސް އީރާނުގެ ޙަމަލާތަކަށް އެތައް ގަޑިއިރެއްވީއިރުވެސް ޓްރަމްޕް ވިދާޅުވިފަދަ ޙަމަލާއެއްގެ ހިލަމެއްވެފައެއް ނުވެއެވެ.
ޓްރަމްޕަކީ މާބޮޑު ވިސްނުމެއްނެތި ޤައުމުތަކާ މުޢާމަލަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. 2018 އަހަރު ޓްރަމްޕްވަނީ އުތުރު ކޮރެއާއަށް ޙަމަލާދީ އެޤައުމު ވުޖޫދުން ފޮހެލާނެކަމުގެ އިންޒާރު ދެއްވުމަށްފަހު، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެޤައުމުގެ ޒަޢީމް ކިމް ޖޮންގް އުންއާ ބައްދަލުކުރައްވާ ސުލްޙައިގެ ވާހަކަތައް ފައްޓަވާފައެވެ.
އީރާނުން ބުނެފައިވަނީ އެޤައުމުން ދިނީ ޖެނެރަލް ސުލައިމާނީގެ މަރަށް ދޭންޖެހޭ ވަރަށްވުރެ މާކުޑަ ރައްދެއްކަމަށާއި އިތުރު ޙަމަލާއެއް ދޭނީ އެމެރިކާ ޢަމަލުކުރާނެ ގޮތެއް ބެލުމަށްފަހުކަމަށެވެ. އެމެރިކާއިން އިތުރު ޙަމަލާއެއް ނުދޭނަމަ މިހިސާބުން އެކަން ނިމުނީ ކަމަށާއި އެމެރިކާއިން އިތުރު ޙަމަލާއެއް ދީފިނަމަ އެސަރަޙައްދުގައިވާ އެމެރިކާގެ ބައިވެރިންނަށް ޙަމަލާދޭނެކަމަށް އީރާނުން ބުނެއެވެ. އެގޮތުން އެމެރިކާއިން އިތުރު ޙަމަލާއެއް ދީފިނަމަ ޔޫއޭއީގެ ދުބާއިއާއި އިސްރާއީލުގެ ހައިފާއަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމަށް އީރާނުން ބުނެއެވެ.
އީރާނާ ގާތްގަނޑަކަށް 800 ކިލޯމީޓަރު ދުރުގައިވާ ޢައިނުލްއަސަދު ވައިގެ މަރުކަޒަށް ޙަމަލާދެވުމަކީ އީރާނަށް ލިބުނު ކާމިޔާބެއްގެ އިތުރުން އެއީ އީރާނުގެ މިސައިލް ޓެކްނޮލޮޖީއާއި އެޤައުމުގެ އަސްކަރީ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ. އީރާނުގެ މިސައިލް ޓެކްނޮލޮޖީއަކީ ކުރިން ހަމައެކަނި ދެކެވޭ ވާހަކައަކަށްވިޔަސް މިޙަމަލާތަކުގެ ސަބަބުން އެޤައުމުގެ މިސައިލް ޓެކްނޮލޮޖީގެ ބާރާއި ޤާބިލުކަންވަނީ ދުނިޔެއަށް ފެނިގެން ގޮސްފައެވެ. އީރާނުންވަނީ 22 ބެލިސްޓިކް މިސައިލް ފުލުފުލުގައި ފޮނުވާލައިފައެވެ.
އެމެރިކާގެ މަރުކަޒުތަކަށް ދިން ޙަމަލާތަކަށްފަހު އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ ޢަލީ ޚަމަނާއި ވިދާޅުވެފައިވަނީ ޢިރާޤާއި ގަލްފަކީ އީރާނުގެ ސަރަޙައްދީ ރޮނގާ ގުޅިފައިވާ ސަރަޙައްދުތަކެއްކަމަށާއި އެތައް ހާސް މޭލެއް ދުރުގައިވާ އެމެރިކާއިން އެތަންތަނަށް ސިފައިން ފޮނުވައި އަސްކަރީ މަރުކަޒުތައް ހަދައި އަސްކަރީ ގޮތުން ފައިހަރު ކުރުމުގެ ބޭނުމަކީ އިސްރާއީލު ޙިމާޔަތްކޮށް އެސަރަޙައްދުގައި ހަންފެތުރުންކަމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފްވެސްވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް އީރާން ވަށާލާފައިވާކަމަށާއި އެއީ އީރާނުގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ސިފަކުރައްވައި ވާހަކަތައް ދައްކަވާފައެވެ. އަދި އެމަރުކަޒުތަކާއި ދެކޮޅަށް މަސައްކަތްކުރަން ޖެހިފައިވާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ޖެނެރަލް ސުލައިމާނީ މަރާލުމަށް ދިން ޙަމަލާގައި އެމެރިކާވަނީ ޢިރާޤުގެ ރަސްމީ އަސްކަރީ ޖަމާޢަތެއްކަމަށްވާ ހަޝްދުއްޝައަބީގެ ދެވަނަ ވެރިޔާ ޖެނެރަލް އަބޫ މަހްދީ އަލްމުހަންދިސްވެސް މަރާލައިފައެވެ. އޭގެ ކުރިން އެމެރިކާއިން ދިން ޙަމަލާއެއްގައި ހަޝްދުއްޝައަބީގެ 28 މީހުންވަނީ މަރާލާފައެވެ. ހަޝްދުއްޝައަބީންވެސްވަނީ އެމެރިކާ ސިފައިން ޢިރާޤުން ފައްސާލުމަށް ބާރުގެ ބޭނުންކުރާނެކަމުގެ އިންޒާރު ދީފައެވެ. މިއާއެކު ޢިރާޤުގައި އަސްކަރީ ގޮތުން ފައިހަރުކޮށްލައިގެން އޮތުމުގެ ފުރުޞަތު އެމެރިކާއަށްވަނީ ގާތްގަނޑަކަށް ގެއްލިފައިކަމަށް މުހައްލިލުން ދެކެއެވެ. މީގެއިތުރުން ޢިރާޤުގެ އެތަށް ހާސްބަޔަކު ނުކުމެ ބަޣްދާދުގައިވާ އެމެރިކާގެ އެންބަސީގެ ބައެއްގައި ހުޅުޖެހުމާ ގުޅިގެން އެންބަސީ ބަންދުކުރަންޖެހި އެމެރިކާއަށްވަނީ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިފައެވެ.
ބެލެވޭގޮތުގައި އީރާނުން ޖެނެރަލް ސުލައިމާނީގެ މަރަށް ރައްދު ދިނީ އެކަން ނުކޮށްފިނަމަ އެމެރިކާއާއި އިސްރާއީލުގެ ކުރިމަތީގައި އީރާނުގެ ބަލިކަށިކަން ދޭހަވެ، އީރާނުގެ އިތުރު މަސްއޫލުވެރިން މެރުމުގެ ޙަމަލާތައް ދޭނެކަމުގެ ބިރު އޮތުމުންނެވެ. މީގެ އިތުރުން، އެމެރިކާއަށް ރައްދު ދިނުމަށް އެދި އީރާނުގެ ރައްޔިތުން ގޮވާލާ ގޮވާލުންތަކަކީވެސް އެކަންކުރަން އީރާނުގެ ސަރުކާރަށް މަޖްބޫރުވިކަމެކެވެ. ޖެނެރަލް ސުލައިމާނީގެ ޖަނާޒާގައި 5 މިލިޔަން މީހުން ބައިވެރިވެ އޭނާގެ މަރަށް ބަދަލުހިފުމަށް އެމީހުން ގޮވާލި ގޮވާލުމަކީ އެކަމަށް އިޖާބަދޭން އީރާނުގެ ސަރުކާރަށް މަޖްބޫރުވި ސަބަބެކެވެ. މިއާއެކުވެސް އީރާނުން އެމެރިކާއަށް ރައްދު ދީފައިވަނީ އެމެރިކާއަށްވެސް މާބޮޑު ގެއްލުމެއް ނުލިބޭގޮތަށް އަދި އެސަރަޙައްދަށްވެސް އެންމެ ގެއްލުން ކުޑަގޮތަށްކަމަށް މުހައްލިލުން ދެކެއެވެ.
އީރާނާއި އެމެރިކާގެ ކުރިމަތިލުން ނިމުނީކަމަކަށް ނުބެލެވެއެވެ. އީރާނުގެ ޙަމަލާތަކުގެ ރައްދުގައި އެމެރިކާއިން ފިޔަވަޅުތައް އަޅައިފިނަމަ، އަނެއްކާވެސް މަސްރަޙް އިތުރަށް ހޫނުވާނެއެވެ. މިހިސާބުން އިތުރު ކުރިމަތިލުމަކަށް ނުގޮސް މައްސަލަ ނިންމާލުމުގެ ބާރު އޮތީ މިހާރު އެމެރިކާއަށެވެ. މުޅި ދުނިޔެ މިހާރު އޮތީ އެމެރިކާގެ ނިންމުމަކަށް ބަލަބަލައެވެ.