އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށާއި އިންޑޮނޭޝިޔާގެ ރައީސަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީޙް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލީޙް އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށާއި އިންޑޮނޭޝިޔާގެ ރައީސަށް ވަކި ވަކިން ހަމްދަރުދީގެ މެސެޖްތައް ފޮނުއްވާފައި ވަނީ އެދެޤައުމަށް ދިމާވެފައިވާ ޤުދުރަތީ ކާރިސާތަކުގައި އެތައް ބައެއްގެ ފުރާނަގެއްލި އަދި އާއްމުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީއެވެ.
މިގިޮތުން، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ފޮނުއްވި މެސެޖުގައި، އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން އެތައްބައެއްގެ ފުރާނަގެއްލި، ގެދޮރާއި ތަކެއްޗާއި ގުދުރަތީ ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކަކީ ސިހުން ލިބިވަޑައިގެންނެވި ބޮޑެތި ގެއްލުންތަކެއްކަމުގައި ވިދާޅުވެފައި ވެއެވެ.
އޮސްޓްރޭލިޔާއަކީ ރާއްޖެއާ ވަރަށް ގާތްރަޙުމަތްތެރި ގުޅުމެއް އޮންނަ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހިތުގެ އިޚްލާޞްތެރި ހަމްދަރުދީ އޮސްޓްރޭލިޔާގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން މި ޙާދިސާގެ ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް 25 މީހެއްގެ ފުރާނަ ގެއްލި، 10 ހެކްޓަރުގެ ސަރަޙައްދެއް އަނދައިގެން ގޮސްފައިވެއެވެ. އަދި އަލިފާނުގެ ސަބަބުން ހަމައެކަނި ސައުތު ވޭލްސް ސަރަޙައްދުންވެސް ބައި މިލިޔަނަށްވުރެ ގިނަ ޖަނަވާރު މަރުވެ ގޮސްފައިވާކަމަށް އަންދާޒާ ކުރެވެއެވެ.
އިންޑޮނީޝިޔާގެ ޖަކާޓާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެ، ހާލުގައިޖެހި، އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ޢާއިލާތަކާއި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އަދި އިންޑޮނީޝިޔާގެ ސަރުކާރަށާއި ޢާންމު ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
އިންޑޮނޭޝިޔާއަށް މިދިޔަ ހަފުތާގެ އަންގާރަދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ވެރިރަށް ޖަކާޓާގައި ފެންބޮޑުވެ ހިނގި ހާދިސާތަކާއި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާތަކުގައި މިހާތަނަށް 65 މީހަކު މަރުވެފައިވެއެވެ. އަދި މި ހާދިސާތަކުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ހާލުގައިޖެހިފައި ވެއެވެ.