ޚަބަރު

ދިވެހި ފަޔަރ ފައިޓަރުން އިންޑިއާގައި ތަމްރީނުކުރަނީ


ދިވެހި ފަޔަރ ފައިޓަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާއިން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްޓަރނަލް އެފެއާޒާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގުޅިގެން ކުރިއަށްގެންދާ ދިވެހި ފަޔަރ ފައިޓަރުން ތަމްރީންކުރުމުގެ ބޭސިކް ކޯސް ކުރިއަށްގެންދަނީ އިންޑިއާގައެވެ. 4 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޯހުގައި ދިވެހި 20 ފަޔަރ ފައިޓަރުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ އެއަރޕޯޓުތަކުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުން މިކޯހުގައި ބައިވެރިވެފައި ވާއިރު އޭގެތެރޭގައި ކުޅުދުއްފުށި، މާވަރުލު، ފުނަދޫ އަދި ހަނިމާދޫ އެއާޕޯޓުގައި ޙަރަކާތްތެރިވާ ފަޔަރ ފައިޓަރުން ހިމެނޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރާއި އެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެއަރޕޯޓުތަކުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުން ތަމްރީނުކުރުކުރުމުގެ ޕްރޮގްރާމްމިވަނީ ފެށިފައެވެ.